ދިރާގު ޓީވީގެ އިންޓްރޯ ޕެކޭޖް އާދީއްތަ ދުވަހު ހުޅުވާލަނީ

ދިރާގުން މިދިޔަ ހަފުތާގައި ތައާރަފް ކުރި އައިޕީ ޓީވީގެ އިންޓްރޯ ޕެކޭޖްގެ ހިދުމަތް އަންނަ އާދީއްތަ ދުވަހުން ފެށިގެން މުޅި ރާއްޖެ އަށް އާންމުކޮށް ހުޅުވާލާ ގޮތަށް ހަމަޖައްސައިފި އެވެ.


ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރި އަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ 60 ޗެނަލް ހިމެނޭ އިންޓްރޯ ޕެކޭޖް ވިއްކަން ހަމަޖެހިފައި ވަނީ މަހަކު 300ރ. އަށް ކަމަށެވެ. އަދި އެ ޕްރޮމޯޝަންގެ ދަށުން ފުރަތަމަ 1،500 ކަސްޓަމަރުންނަށް ޖޯއި ބޮކްސްއަކާއި ކަނެކްޝަންގެ އިތުރުން އެއް މަހުގެ މަހު ފީ ހިލޭ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިރާގުން އެ ހިދުމަތް ޖޯއިބޮކްސް މެދުވެރިކޮށް ދޭން ފެށީ މަޝްހޫރު ޗެނެލްތައް ކަމަށްވާ އޭއެކްސްއެން، ޓެން ސްޕޯޓްސް، ސޮނީ އީއެސްޕީއެން، ލައިފްޓައިމް، ހިސްޓަރީ ޗެނެލް، ބީބީސީ އާތުއާ އެކު އެވެ. މީގެ އިތުރުން ވެސް ބައިނަލްއަގުވާމީ އެތައް ޗެނެލަކާއި ރާއްޖޭގެ ހުރިހާ ޗެނެލްތަކެއް ވެސް ފެންނާނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ކޭބަލް ޓީވީގެ ހިދުމަތް ދެނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ އައިޕީ ޓީވީ މެދުވެރިކޮށެވެ. އެގޮތުން އެ ހިދުމަތުގައި އެޗްޑީ ޗެނަލްތަކާއި އާއްމުންގެ މެދުގައި މަގުބޫލް އެތައް ޗެނަލެއް ހިމެނެ އެވެ. އަދި އިތުރު ޗެނަލްތަކެއް މަހެއްހާ ދުވަސް ފަހުން ތައާރަފްކުރާނެ ކަމަށް ވެސް ދިރާގުން ބުނެފައިވެ އެވެ.

ދިރާގުން ވަނީ ޓީވީގެ ހިދުމަތަށް އެދުނު އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހާއްސަ އޮފައެއްގެ ގޮތުން އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ފީ އާއި ޖޯއި ބޮކްސް އަދި ހިލޭ ގުޅައިދޭ ގޮތަށް ހަމަޖައްސައިފަ އެވެ.

ދިރާގަކީ އައިޕީޓީވީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖެއަށް ދޭ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏެވެ. އައިޕީޓީވީ އަކީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފެންނަ ޓެކްނޮލޮޖީއެކެވެ.