މެނޭޖްކުރެވޭ ވަރަށް ރާއްޖޭގައި ޑޮލަރު ހުރޭ: މުނައްވަރު

ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒާވް ދަށްވާކަން ބޭރުގެ ރޭޓިން އެޖެންސީތަކުން ފާހަގަކުރި ނަމަވެސް މެނޭޖްކުރެވޭ ވަރަށް ޑޮލަރާއި އޭގެ ރިޒާވް ވެސް އެބަ ހުރި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ އިގްތިސާދަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ހޮންކޮންގުގެ ފިޝް ރޭޓިންސް އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރޭޓިންއެއް ދިންކަން އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އިިންވެސްޓްމަންޓްތަކާ އެކު ބޭރު ފައިސާގެ ރިޒާވް ދަށްވާކަން އެ އެޖެންސީން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

"އެއީ ރަނގަޅު ވާހަކައެއް. އެހެން ނަމަވެސް އެބޭފުޅުން ފާހަގަކުރައްވާފައި އެބަ އޮތް ރާއްޖެ ކަހަލަ ކުޑަ އިގްތިސާދަކަށް އެއީ މައްސަލައެއް ނޫން ކަމަށް. އެހެންވާ ސަބަބަކީ ރާއްޖެއަކީ ވަރަށް ހައިލީ ޑޮލަރައިޒް އިކޮނޮމީއެއް ކަމަށް ވުމުން،" މުނައްވަރު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ފިޝްއިން ރޭޓިން ދިންއިރު ރާއްޖެއަށް ވަންނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓާ އެކު ރިޒާވް ދަށްވުން ހަމަޔަކަށް އެޅިގެންދާނެކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ރިސޯޓެއް ހެދި ނަމަވެސް އަދި އެނޫން ވެސް އިންވެސްޓްމަންޓެއް ހެދި ނަމަވެސް މި އިންވެސްޓްމަންޓްތަކަކީ އެހެން ގައުމުތަކާ ހިލާފަށް ޑޮލަރު ވަންނަ އިންވެސްޓްމަންޓްތަކެއް. އެހެން ގޮތަކަށް ދަންނަވާ ނަމަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަކީ އަޅުގަނޑުމެންގެ އިގްތިސާދަށް ވަރަށް މުހިންމު އެއްޗެއް،" މުނައްވަރު ވިދާޅުވި އެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިދިޔަ އަހަރު ރާއްޖެ އަށް 400 މިލިއަނެއްހާ ޑޮލަރު ވަދެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ހިސާބުތަކަށް ބައްލަވާފައި އެ ބޭފުޅުން ވިދާޅުވަނީ އަޅުގަނޑުމެންގެ ތެރޭގައި ހިރާސް [ރިސްކް] ތަކެއް ހުރި ކަމަށް ވިޔަސް ރާއްޖޭގައި އެބަ ހުއްޓޭ މެނޭޖްކުރެވޭނެ ލެވެލްއަށް ރިޒާވް ވެސް އަދި ޑޮލަރު ވެސް އެބަ ހުއްޓޭ،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކުން އިގްތިސާދަށް ފަހުން ފައިދާކުރާނެ ކަން ފިޝް އިން ފާހަގަކޮށްފައިވާ ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވީ އެ ޕްރޮޖެކްޓްތަކުން ލިބޭނެ ފައިދާއެއް ނެތޭ. އެކަމަކު މިއޮތީ އިންޑިޕެންޑެންޓް ރިޕޯޓެއްގައި ވަރަށް ސަރީހަކޮށް ފާހަގަކޮށްފައި އެއާޕޯޓް ޕްރޮޖެކްޓް ކަމަށް ވިޔަސް، ބްރިޖް ޕްރޮޖެކްޓް ކަމަށް ވިޔަސް މިފަދަ ބޮޑެތި ޕްރޮޖެކްޓްތަކުން ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން މުސްތަގުބަލުގައި އަޅުގަނޑުމެންގެ އިގްތިސާދީ ދުވެލި ކުރިޔަށް ޖެހިގެންދާނެކަން،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޭޓިން ދިންއިރު ދަރަނި ނަގައިގެން ޕްރޮޖެކްޓްތައް ހިންގާތީ އެއީ ގޮންޖެހުމެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"މި ސަރުކާރުން މިނަގާ ދަރަނިތަކަކީ އަޅުގަނޑުމެންނަށް ކޮންމެހެން މަޖުބޫރު އިންވެސްޓްމަންޓްތަކަކަށް ނަގާ ދަރަނިތަކެއް. މިއީ ތަފާތަކީ. ކުރީ ސަރުކާރުތަކުން އެބަހުރި ދަރަނި ނަގާފައި އިންވެސްޓްމަންޓް ނޫން ގޮތް ގޮތަށް،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސާދަށް ގެންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ލިބެމުންދަނީ ރަނގަޅު ރޭޓިންއެއް ކަމަށެވެ. އަދި އެ ރޭޓިންގައި ފިޝްއިން އިން ވަނީ ސަރުކާރުން ގެންނަ ފިސްކަލް ސިޔާސަތުތައް ފާހަގަކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ.

"މި މަސައްކަތްތަކުގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައް އަޅުގަނޑުމެންނަށް ވަނީ ކުރެވިފައި. އެންމެ ހާއްސަ ގޮތެއްގައި މި އަހަރުން ފެށިގެން އަޅުގަނޑުމެން މިދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުން، އަޅުގަނޑުނަށް ކުރެވޭ ބައެއް ކަހަލަ އެޑްމިނިސްޓްރޭޓިވް ހަރަދުތައް ކުޑަކުރުމަށްޓަކައި. އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް މުހިންމު ކަމެކޭ ކުރެވުނު،" މިނިސްޓަރު ވިދާޅުވި އެވެ.