އިގްތިސާދަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، ފިޗް އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރޭޓިންއެއް ދީފި

ރާއްޖޭގެ އިގްތިސާދަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ހޮންކޮންގުގެ ފިޗް ރޭޓިންސް އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރޭޓިންއެއް މިއަދު ދީފި އެވެ. ފިޗް އިން ރާއްޖެއަށް ދީފައި ވަނީ ބީ ޕްލަސް ރޭޓިންއެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިން ރާއްޖެ އަށް ދިނީ "ބީ2"ގެ ރޭޓިން އެކެެވެ. އެއީ ބޮޑެތި ގޮންޖެހުންތަކެއް ހުއްޓަސް ދަރަންޏާއި އެ ނޫން ވެސް މާލީ ގޮތުން އަދާކުރަންޖެހޭ އެހެން ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލުކަން ލިބިފައިވާ ގައުމުތަކަށް ދޭ ރޭޓިން އެކެވެ. އެކަމަކު، އެކަން ކުރެވޭނީ، އެ ރޭޓިންގެ ތަފްސީލުގައިވާ ގޮތުން، މުޅި އިގްތިސާދަށް ގެއްލުން ނުވާ ގޮތަށް އިގްތިސާދީ އަދި މާލީ ސިޔާސަތު ބައްޓަންކޮށްގެންނެވެ. އަލަށް ދިން ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަލަށް ލިބުނު ރޭޓިންއަކީ މިދިޔަ އަހަރު މޫޑީސް އިން ދިން ރޭޓިންއާ އަޅާބަލާއިރު، އިގްތިސާދު ކުރިޔަށްދިޔަކަން ފާހަގަކޮށްދިން ރޭޓިންއެއް ކަމަށެވެ. އަދި އެއީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އެ ބޭފުޅުން އެބަހުރި ރިސްކްތަކެއް ފާހަގަކޮށްފައި. އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރައްވަނީ އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް ހަމަޖެހުމަށް. އެއީ އަޅުގަނޑުމެންގެ އިގްތިސޯދަކީ ވަރަށް ބޮޑަށް ފަތުރުވެރިކަމަށް ބިނާވެފައިވާ އިގްތިސާދަކަށްވާތީ، ވަރަށް މުހިއްމު ކަމެއް ހަމަޖެހުން،" މުނައްވަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ފިޗް އިން ރޭޓިން ދިންއިރު ރާއްޖޭގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކުން އިގްތިސާދަށް ފައިދާކުރާނެ ކަން ފާހަގަކޮށްފައިވާ ކަމަށެވެ.


ފިޗް ރޭޓިން އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބަޖެޓްގެ ދަރަނި ފޫބެއްދުމާއި ހަރަދުތައް ކުޑަކުރުން ފެއިލްވެފައިވަނީ ހަރަދު ސިޔާސަތު ފެއިލްވުމުން ކަމަށެވެ. އަދި ބޭރު ފައިސާއިން ހަރަދުތައް ބޮޑުވަމުންދާތީ ފިޗް އިން ލަފާކުރި ވަރަށް ވުރެ ބޭރުގެ ދަރަނިތައް ބޮޑުވެފައިވާކަން ވެސް އިން ފިޗް އިން ފާހަގަކޮށްފައިވެ އެވެ.

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ އިގްތިސާދަށް މާބޮޑު ގޮންޖެހުންތަކެއް ނެތް ނަމަވެސް ފިޗް އިން ފާހަގަކޮށްފައިވާ ކަންތައްތަކާމެދު ފަރުވާކުޑަކޮށްފިނަމަ ރާއްޖެއަށް ނެގެޓިވް ރޭޓިންއެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.