ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފެށުމަށް އިނގިރޭސި ވިލާތުގެ ލަފާ ހޯދަނީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފެށުމަށް އިނގިރޭސި ވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ލަފާ ހޯދަން ނިންމާފައިވާ ކަމަށް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.


އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް ހުސެއިން ޖަލީލު ވިދާޅުވީ ކުރިން ވެސް ނިންމާފައިވާ ގޮތަށް ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ރިސްކް އެސެސްމަންޓެއް ހެދުމަށް އިނގިރޭސި ވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ލަފާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަހަލަ ކަމެއް ފެށުމުގެ ކުރިން އެކަމަ ގުޅޭ ރިސްކް އެސެސްމަންޓްތައް ހަދަން ޖެހޭ. މިހާރު ވެސް އެ ހިދުމަތް ދިނުމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައި އެބަހުރި،" ޖަލީލު ވިދާޅުވި އެވެ.

ސިވިލްއޭވިއޭޝަނުން ބުނިގޮތުގައި އިނގިރޭސި ވިލާތުގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސް ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމާ ބެހޭ ފުރިހަމަ ދިރާސާއެއް ހަދާނެ އެވެ. އަދި އެކަމާ ބެހޭ އޮނިގަނޑު އެކުލަވައިލުމަށް އެ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް އެހީތެރިވެދޭނެ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ވިޔަފާރީގެ އުސޫލުން ދިނުން މެދުކަނޑާލާފައިވާތާ 15 އަހަރު ވެއްޖެ އެވެ.

ސިވިލް އޭވިއޭޝަނުން ކުރިން ބުނެފައި ވަނީ ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި އެކަމަކު ރާއްޖޭގައި ހެލިކޮޕްޓަރު ވެއްޓުމުގެ ހިތާމަވެރި ހާދިސާތަކެއް ހިނގާފައި ވާތީ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ބޭނުންވީ ކަމަށެވެ.

ރާއްޖޭގައި ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާތަކުގައި އެތައް ބަޔަކު މަރުވި އެވެ. ހެލިކޮޕްޓަރުގެ ޚިދުމަތް އޭރުގެ ސަރުކާރުން މަނާކުރީ އެ ހާދިސާތައް ގިނަވުމުންނެވެ.

ހެލިކޮޕްޓަރުގެ ޚިދުމަތް ރާއްޖޭގައި އަލުން ފެށުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކުރިން ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރު އޮޕަރޭޝަންތަކުގެ ޑޭޓާތަކާއި ސަލާމާތީ ކަންކަން ހުރި ނެތް ގޮތް ބަލާނެ ކަމަށެވެ. ރާއްޖޭގައި މިހާރު ހެލިކޮޕްޓަރު ދުއްވަނީ އެމްއެންޑީއެފުން އެކަންޏެވެ. އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިން ދެ ހެލިކޮޕްޓަރު ދުއްވަނީ ވެސް އިންޑިއާ ސިފައިންނެވެ.