ޕީއެސްއެމް ކޭބަލް ޓީވީގެ ކޮންޓެންޓް އުރީދޫން ފޯރުކޮށްދެނީ

ޕީއެސްއެމް އިން ފަށަން ނިންމާފައިވާ ކޭބަލް ޓީވީގެ ކޮންޓެންޓް އުރީދޫގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެ ދެ ކުންފުނިން ސޮއިކޮށްފި އެވެ.


ކޭބަލް ޓީވީ އާއި އޯޓީޓީ (އޯވަ ދަ ޓޮޕް ކޮންޓެންޓް) ހިދުމަތް އިންޓަނެޓް މެދުވެރިކޮށް ދިނުމަށް އުރީދޫ އާއި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) އާ އެކު އެެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިއީ ޓެލެކޮމް ކުންފުންޏަކާއި ސަރުކާރު ހިއްސާވާ ކުންފުންޏަކާ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.

އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ނަޖީބް ޚާން އެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.

"މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ހުރިހާ ސްމާޓް ޑިވައިސް ތަކަށް ލިބޭނެހެން ޑިޖިޓަލް ކޮންޓެންޓް ފޯރުކޮށްދޭނަން. މި ވަސީލަތް ބޭނުން ކުރައްވައިގެން ބޭނުން އިރަކު ކޮންމެތާކުން ލޯކަލް ޗެނަލްތަކާއި ޑޮކިއުމެންޓަރީ އަދި ވީޑިއޯ އޮން ޑިމާންޑް ފަދަ މުނިފޫހިފިލުވުމުގެ ހިދުމަތްތައް ބޭނުންކުރެވޭނެ،" އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އުރީދޫން ނެރުނު ނޫސްބަޔާނެއްގައި އެ ކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވެފައިވެ އެވެ.

އެ ކުންފުނިން ބުނީ ޑިޖިޓަލް މޯލްޑިވްސް އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެންމެ ފަހުގެ ޓެކްނޮލޮޖީތައް ރާއްޖެ އަށް ގެންނަން އުރީދޫން އަބަދުވެސް އިންވެސްޓް ކުރާނެ ކަމަށެވެ.

އުރީދޫން ބުނީ އެ ކުންފުނިން ފަށާ އެ ހިދުމަތް އިންޓަނެޓް މެދުވެރިކޮށް ސްމާޓް ފޯން އަދި ސްމާޓް ޓީވީން ބޭނުންކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ހިދުމަތް ތައާރަފްކުރާނެ ދުވަހެއް އެ ކުންފުނިން ހާމައެއްނުކުރެ އެވެ.