މޯލްޑިވިއަން އިން އެއާބަސް އޭ 330ގެ މަތިންދާބޯޓެއް ހޯދަނީ

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އެއާބަސް އޭ 330 މަރުކާގެ ބޯޓެއް ހޯދަން އިއުލާންކޮށްފި އެވެ.


މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން މިދިޔަ ހަފުތާގައި ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ 15 އަހަރު ނުވާ އެއާބަސް އޭ330 މަރުކާގެ ބޯޓެއް އެ ކުންފުންޏަށް ހޯދަން ބޭނުންވާ ކަމަށެވެ. މި ބޯޓު ކުއްޔަށް ހިފުމަށް އައިއޭއެސް އިން ބޭނުންވަނީ އަންނަ މަހުގެ 23 އިން ފެށިގެން މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އެއީ ފަސިންޖަރުންގެ އިތުރުން ކާގޯ ވެސް އުފުލޭނެ ބޯޓަކަށް ވުމަކީ އައިއޭއެސްގެ އެއް ޝަރުތެވެ.

އިއުލާންގައިވާ ގޮތުން ބޯޓު ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން މިއަދު މެންދުރު 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ.

އޭވިއޭޝަން ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ އަލަށް ގެންނަ ބޯޓު ބޭނުން ކުރާނީ މާލެ އާއި ޗައިނާގެ ބެއިޖިންއާ ދެމެދު ހަފުތާއަކު ދެ ދަތުރު ކުރުމަށް ކަމަށެވެ. އޭގެ އިތުރުން މާލެ އާއި ޝަންހާއި ޕުޑޮންގްއާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރަން ވެސް ނިންމާފައިވާ ކަމަށް އެ ވެބްސައިޓްގައި ވެ އެވެ.

އައިލެންޑް އޭވިއޭޝަންގައި މިހާރު ވެސް ދުރު ދަތުރުތަކަށް އެއާބަސް އޭ320- 200 މަރުކާގެ ބޯޓަކާއި އޭ 321- 200 މަރުކާގެ ބޯޓެއް ބޭނުންކުރެ އެވެ.