ޓާޓާ ފްލެޓް ލިބުނު ފަރާތްތަކަށް އިސްކަންދީގެން ހާއްސަ ލޯން ސްކީމެއް ތައާރަފުކޮށްފި

ޓާޓާ އިން މާލޭގައި އެޅި ފްލެޓްތައް ލިބުނު ފަރާތްތަކަށް އިސްކަން ދީގެން ހާއްސަ ލޯނު ސްކީމެއް މިއަދު ތައާރަފުކޮށްފި އެވެ.


އެމްއެމްއޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކުރި މި ލޯން ސްކީމްގައި ބޭންކްތަކުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ ފަސް ޕަސެންޓާއި ހަ ޕަސެންޓެވެ. އަދި ޑައުންޕޭމަންޓަށް ދަައްކަން ޖެހޭ ފައިސާގެ ގެރެންޓީ ދޭން އެމްއެމްއޭގައި ފަންޑެއް ގާއިމްކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެމްއެމްއޭ އާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ތައާރަފްކުރި ލޯނު ސްކީމާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ މި ލޯން ސްކީމްގެ ފުރަތަމަ ފިޔަވަހި ހާއްސަކުރަނީ ކުރީގެ ގާކޮށި އޮތް ބިމާއި އަރަބިއްޔާ ހުރި ބިމުގައި ޓާޓާ އިން އެޅި ދެ އިމާރާތުން ފްލެޓް ލިބުނު ފަރާތްތަކަށް ކަމަށެވެ.

އެ ފްލެޓްތައް ލިބުނު މީހުންގެ އެޕްލިކޭޝަން ބޭންކުތަކުން އަންނަ އޮގަސްޓްމަހު ބަލައިގަންނަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ދެ އިމާރާތުން ފްލެޓް ލިބުނު މީހުންނަށް ލޯނު ދިނުމަށް ފަހު ބޭންކުތަކަށް ލޯނު ދޫކުރެވެން ހުރި މިންވަރަކުން އެހެން ފަރާތްތަކަށް ވެސް ލޯނު ދޫކުރެވޭނެ. މި ސްކީމްގެ ދަށުން އެންމެ ފުރަތަމަ ލޯނު ދޫކުރެވޭނީ ގާކޮށި އަދި އަރަބިއްޔާގައި ހަދާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކަށް،" އަޒީމާ ވިދާޅުވި އެވެ.

އާ ހައުސިން ލޯނާ ބެހޭ ގޮތުން ހައުސިން މިނިސްޓަރު މުއިއްޒު ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އޭނާ ވިދާޅުވީ ފްލެޓްތައް ލިބުނު ފަރާތްތަކުން ޑައުންޕޭމަންޓް ނުދައްކައި ފްލެޓްގެ އަގު އެއްކޮށް ލޯނުން ފައިނޭންސް ކުރެވޭނެ ކަމަށެވެ.

"ޓާޓާ ފްލެޓް ލިބުނު މީހުންގެ ތެރެއިން މިހާރު އެމްއައިބީ މެދުވެރިކޮށް ލޯނު ހަމަޖެހިފައިވާ ފަރާތްތަކުގެ ލޯނު ވެސް ރީސްޓްރަކްޗާކުރުމަށް ވަނީ މަޝްވަރާކުރެވިފައި. އެ ލޯނުތައް ރީސްޓްރަކްޗާ ކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް،" އަޒީމާ ވިދާޅުވި އެވެ.

އެމްއެމްއޭ އިން ބުނީ މި ލޯނު ދޫކުރަނީ 25 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ.

އެންމެ ގިނަވެގެން 2.2 މިލިއަން ރުފިޔާ ލިބޭ މި ލޯނުގެ އިންޓަރެސްޓް ރޭޓް ބިނާވަނީ ޑައުންޕޭމަންޓް ދައްކާ ނިސްބަތަކަށެވެ. އެގޮތުން ލޯނު ޑައުންޕޭމަންޓަށް 20 ޕަސެންޓް ދައްކާ ނަމަ އިންޓަރެސްޓް ރޭޓަކީ ފަސް ޕަސެންޓެވެ. ދިހަ ޕަސެންޓްގެ ޑައުންޕޭމަންޓެއް ނަމަ އިންޓަރެސްޓް ރޭޓަކީ 5.5 ޕަސެންޓެވެ. އޭގެ އިތުރުން ޑައުންޕޭމަންޓަށް ފަސް ޕަސެންޓް ދައްކާ ނަމަ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.

އަޒީމާ ވިދާޅުވި ގޮތުގައި އެ ލޯނުގެ އިންޓަރެސްޓް ރޭޓަށް ބަދަލުގެނެވޭނީ އެމްއެމްއޭގެ ހުއްދައާ އެކު ދިހަ އަހަރު ފަހުންނެވެ.

އޭނާ ވިދާޅުވީ ތިން އަހަރަށް ކުރިޔަށްގެންދާ ލޯނު ސްކީމްގެ ދަށުން ރާއްޖޭގެ ރީޓެއިލް ބޭންކެއްގެ ޖުމްލަ ފައިސާގެ ދިހަ ޕަސެންޓް ހައުސިން ލޯނަށް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.