ފައިބަ ބްރޯޑްބޭންޑްގެ ޚިދުމަތް ދިރާގުން އިތުރު ދެ ރަށަކަށް ދީފި

ފައިބަ ބްރޯޑްބޭންޑް އިންޓަނެޓުގެ ޚިދުމަތް އިތުރު ދެ ރަށަކަށް ދީފި އެވެ.


އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފައިބަ ބްރޯޑްބޭންޑުގެ ޚިދުމަތް އަލަށް ތައާރަފުކުރީ ކ. ދިއްފުއްޓަށާއި ގުރައިދު އަށް ކަމަށެވެ.

ދިރާގުން ވަނީ އެ ދެ ރަށުގައި ފައިބަ ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފު ކުރުމަށް ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެގޮތުން އެ ޕްރޮމޯޝަނުގެ ދަށުން ފައިބަ ޚިދުމަތަށް އެދޭ މީހުންނަށް، ފައިބާ ކަނެކްޝަނެއް މުޅިން ހިލޭ ގުޅައިދޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ކ. ދިއްފުއްޓަށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ދިރާގު

ފައިބަ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގުގެ ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ހަލުއި ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް ހިމެނޭ އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ އެއް ޓީބީގެ ޕެކޭޖް ވެސް ހިމެނޭ ޚިދުމަތެކެވެ.

ދިރާގުގެ ފައިބަ ނެޓްވޯކް ގާއިމްކޮށް ފައިބަ ބްރޯޑްބޭންޑްގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އާއި ކ. މާފުއްޓާއި ތުލުސްދު އާއި ލ. ގަމާއި ލ. ފޮނަދޫ އަދި ބ. ދަރަވަންދޫގަ އެވެ.