އައްޑޫ އާއި ފުވައްމުލަކުގެ ދަތުރުފަތުރަށް އެމްޕީއެލް އިން 13 ބަސް ގެނެސްފި

އައްޑު އާއި ފުވައްމުލަކުގައި އާއްމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް )އިން 13 ބަސް ރާއްޖެ ގެނެސްފި އެވެ.


އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއީ މުހައްމަދު ޖުނައިދު ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކުގެ އެއްގަމު ދަތުރުފަތުރަށް ގެނައި 13 ބަސް މިހާރު ހުރީ މާލޭ ބަނދަރުގައި ކަމަށެވެ. އެ ބަސްތައް ބޭލުމުގެ މަސައްކަތް މިއަދު ނުވަތަ މާދަމާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވި ގޮތުގައި މި ބަސްތަކަށް ގާތްގަނޑަކަށް 800،000 ޑޮލަރު (12 މިލިއަން ރުފިޔާ) ހަރަދު ކުރި އެވެ.

މުޅިން އާ މި ބަސްތައް އައްޑޫ އާއި ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އެމްޕީއެލް އިން ވަނީ އިއުލާންކޮށްފަ އެވެ. އެކަން ފުރިހަމަކޮށް ވަރަށް އަވަހަށް ބަސްތައް އައްޑޫ އާއި ފުވައްމުލަކަށް ގެންދާނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

"ހާއްސަ އިންތިޒާމެއްގެ ދަށުން ލޭންޑިން ކްރާފްޓް ފަދަ އުޅަނދުތަކުގައި ގެންދެވޭނީ،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ.

އެންމެ ދެކުނުގެ ދެ އަތޮޅުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރުން ވަނީ އެމްޕީއެލްއާ ހަވާލުކޮށްފަ އެވެ. އެއީ ކުރިން އެކަން ކުރި އަމިއްލަ ކުންފުނި، އެމްވީކޭއިން ދެމުން ދިޔަ ހިދުމަތުގެ ފެންވަރު ދަށްވެ، އެއްކޮށް ހުއްޓުމުންނެވެ.