އަމިއްލަ ކުންފުންޏެއް ފުރަތަމަ ފަހަރަށް ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފި

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ކުންފުންޏަކުން ފުރަތަމަ ފަހަރަށް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފި އެވެ.


މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ)ގެ އިންޓްރޮޑަކްޓްރީ ޕްލެޓް ފޯމްގައި ލިސްޓްކުރީ "ސްޕެކްޓްރާ ޕަބްލިކް ލިމިޓެޑް" ކިޔާ ކުންފުންޏެވެ. އިމާރާތްތަކުގެ އެތެރެ އާއި ބޭރު ނިންމުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭ މި ކުންފުނި އުފެއްދީ 2008ގަ އެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުންޏަށް އެމްއެސްއީގެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކަސްޓަމްސްގެ ކޮމިޝަނަ ޖެނެރަލް އިބްރާހިމް ޝަރީފާއި އެމްއެސްއީގެ ސިއީއޯ ހަސަން މަނިކެވެ. ސްޕެކްޓްރާގެ ފަރާތުން ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ މެނޭޖިން ޑިރެކްޓަރު އަހުމަދު މައުމޫނެވެ.

ސްޕެކްޓްރާ ލިސްޓްކުރުމުގެ ހަފުލާގައި މެނޭޖިން ޑިރެކްޓަރު މައުމޫން ވާހަކަދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރުމުގެ ކުރިން ކޯޕަރޭޓް ގަވަނަންސް ކޯޑާ އެއްގޮތްވާ ގޮތަށް ކުންފުނީގެ ހިންގުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނި އުފެދުނުތާ ދޮޅު އަހަރެެއްހާ ދުވަހުގެ ތެރޭގައި ހިއްސާ ވިއްކުމަށް މަސައްކަތް ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކިބައިގައި ޕަބްލިކް ލިސްޓެޑް ކުންފުންޏަކަށް ބަދަލުކުރުމުގެ ގާބިލްކަން އެބަހުރި. އެހެންވެ އަޅުގަނޑުމެން މި މަސައްކަތް ފެށީ ވެސް،" މައުމޫން ވިދާޅުވި އެވެ.

ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ހަސަން މަނިކު ވިދާޅުވީ އަލަށް ހެދި އުސޫލްގެ ދަށުން ފުރިހަމަ ލިސްޓެޑް ކުންފުންޏަކަށް ސްޕެކްޓްރާ ބަދަލުކުރުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އެކަމަކު އެ ކުންފުނިން ބޭނުން ވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި އާއްމުންނަށް ހިއްސާ ވިއްކައި ފުރިހަމަ ލިސްޓެޑް ކުންފުންޏަކަށް ހަދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން މިފަދަ ކަމަށް އިސް ނެގުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. މީގެ ސަބަބުން ކުންފުނިތަކަށް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ފަންޑު ހޯދުމަކީ ޕްރިފާޑް އޮޕްޝަނެއްގެ ގޮތުގައި ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން،" ހަސަން މަނިކު ވިދާޅުވި އެވެ.

ސްޕެކްޓްރާ ލިސްޓްކުރުމުގެ ހަފުލާގައި ސަރުކާރުގެ ބައެއް ވެރިންނާއި ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ސްޓޮކް އެކްސްޗޭންޖުން ބުނި ގޮތުގައި އެ ތަނުގައި ކުންފުނިތައް ތިން ގޮތަކަށް ލިސްޓްކުރެވެ އެވެ. އެ ގޮތުން، އޮފާ ފޯ ސޭލް އާއި އޮފާ ފޯ ސަބްސްކްރިޕްޝަން އަދި އިންޓްރޮޑަކްޝަންގެ ގޮތުގައި ލިސްޓްކުރެވޭނެ ކަމަށް އެ ތަނުން ބުންޏެވެ.

ސްޕެކްޓްރާ އިން ހިއްސާގެ ބާޒާރުގައި ލިސްޓްކުރިއިރު އެ ކުންފުނިން ހިއްސާ ވިއްކަން ހަމަޖައްސާފައިވާ އުސޫލްތަކެއް އަދި އަގުތަކެއް ވެސް ހާމަކޮށްފައެއްނުވެ އެވެ.