ކުރިއަށް ދާނެ ދާއިރާ ދެނެގަނެ، ކިޔަވަންވީ މާއްދާތައް ކަނޑައަޅަންވީ ގޮތުގެ މައުލޫމާތު ދެނީ

އޯލެވެލް އަދި އޭލެވެލް އަށް ކިޔަވާއިރު ކުރިއަށް ދާނެ ދާއިރާ ދެނެގަތުމުގެ މުހިންމުކަމާއި، އެ ދާއިރާއަކުން ކުރިއަށް ދާން ބޭނުންވާ ދަރިވަރުން ކިޔަވަންވީ މާއްދާތައް ކަނޑައަޅަންވީ ގޮތުގެ މައުލޫމާތު ދޭން ޕެނަލް ޑިސްކަޝަން އެއް ބާއްވަން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން ހަމަޖައްސައިފި އެވެ.


"އެމާޖިން ކެރިއާސް އޮފް ޓްވެންޓީ ފަސްޓް ސެންޗަރީ"ގެ ނަމުގައި އިންތިޒާމުކުރާ ޕެނަލް ޑިސްކަޝަންގައި ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް މައުލޫމާތު ދޭނެ އެވެ.

ބިލަބޮންގުން ބުނީ ޕެނަލް ޑިސްކަޝަން އޮންނާނީ މާދަމާ ރޭ 20:30 އިން 22:00 އަށް އެ ސްކޫލް ހޯލުގައި ކަމަށެވެ. ގްރޭޑް 7-10ގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން އާންމު ފަރާތްތަކަށް ވެސް މި ކަމުގައި ބައިވެރިވެވެ އެވެ. އަދި އެހެން ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ބިލަބޮންގްގެ އަހުމަދު ހުމާމް (ވ): މިދިޔަ އަހަރު އޯލެވެލްގައި ހަތަރު މާއްދާއިން ހައި ޑިސްޓިންކްޝަން ހޯދި-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

"ސްޓޫޑެންޓުން ކިޔަވަން ބޭނުންވާ އެއްޗެއް ދެނެގަންނަން ޖެހެނީ ކޮން އިރަކުކަން ޕެނަލް ޑިސްކަޝަންގައި ކިޔައިދޭނެ. އަދި ދަރިވަރުންގެ ޔުނިވާސިޓީ ތައުލީމަށް ބެލެނިވެރިން ތައްޔާރުވާންވީ ކޮން ގޮތަކަށް ކަން ވެސް ކިޔައިދޭނެ،" ބިލަބޮންގް ހިންގަމުން އަންނަ އައިލެންޑާސްގެ ސީނިއާ މެނޭޖަ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ޝަމީސް ރަޝީދު ވިދާޅުވި އެވެ.

"މުހިންމު ގިނަ މައުލޫމާތުތަކެއް ޕެނަލް ޑިސްކަޝަންގެ ތެރޭން ލިބޭނެ."

ޝަމީސް ވިދާޅުވީ ރާއްޖޭގައި ކުރިއަށް ދެވެން ހުރި ދާއިރާތަކާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދޭނެ ކަމަށެވެ. އަދި ސައިންސް ނުވަތަ ބިޒްނަސް މާއްދާތަކުގެ އިތުރުން ހިއުމަނިޓީސްއާ ގުޅޭ މާއްދާތައް ކިޔެވުން މުހިންމުވާ ސަބަބުތައް ވެސް އެ ބައްދަލުވުމުގައި ކިޔާދޭނެ ކަމަށް ވިދާޅުވި އެވެ.

ޕެނަލްގައި ތިއްބަވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އާއި ތައުލީމީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އިބްރާހިމް ހަސަނާއި، ދަމާސްގެ ސީއީއޯ މުހައްމަދު ޝިހާބް އަދި ތިންކްގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ވަހީދު އާއި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ވައިބާވް ގާގް އެވެ.

ބިލަބޮންގްގެ އައިޝަތު ފާތިން (ވ): މިދިޔަ އަހަރު ސޯޝިއަލޮޖީން ދުނިޔޭގެ އަށް ވަނަ ހޯދި.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ރާއްޖޭގެ ގިނަ ސްކޫލުތަކާ، ބިލަބޮންގް ހިންގާ ގޮތް ވަރަށް ތަފާތުވާނެ ކަމަށް އައިލެންޑާސް އިން ބުނެ އެވެ. އެގޮތުން ޓެސްޓާ ދިމާކޮށް އާންމުކޮށް ސްކޫލްތަކުން އިތުރު ހަރަކާތްތައް ހުއްޓާލާއިރު، ބިނަބޮންގުން އިތުރު އެއްވެސް ހަރަކާތެއް ހުއްޓައެއް ނުލަ އެވެ.

ބިލަބޮންގް އިން ބުނީ އެ ސްކޫލްގައި ހިންގާ އިތުރު ހަރަކާތްތައް ހުއްޓާލަން ނުޖެހެނީ ބިލަބޮންގްގައި ކިޔަވައިދޭ ގޮތުން ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދެނީ ކަންކަމުގައި ދަރިވަރުން ބައިވެރިކޮށްގެން، އުނގަންނައިދޭން ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

ބިލަބޮންގްގެ ދަރިވަރުން އަންނަނީ ދުނިޔޭގެ ފެންވަރުގައި ވެސް ކާމިޔާބީތައް ހޯދަމުންނެވެ.