މިދިޔަ ކުއާޓަރުގައި އިންފްލޭޝަން 4.2 ޕަސެންޓް މައްޗަށް ހިނގައްޖެ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުން ފެށިގެން މިއަހަރުގެ ދެވަނަ ކުއާޓަރާ ހަމަޔަށް ރާއްޖޭގެ އިންފްލޭޝަން މަތިވެފައިވާ ކަމަށާއި، ދެވަނަ ކުއާޓަރުގައި އިންފްލޭޝަން 4.2 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.


މަރުކަޒީ ބޭންކުން މިއަދު ނެރުނު އިންފްލޭޝަނާ ބެހޭ ރިޕޯޓެއްގައި ބުނެފައި ވަނީ މުދަލާއި ހިދުމަތުގެ އަގު މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކާޑުގެ ކޮންޓްރޯލް އަގު ބޮޑުކުރުމާއި މިއަހަރުގެ ތެރޭގައި ސިނގިރޭޓާއި ބައެއް ލުއި ބުއިންތަކުގެ ޑިއުޓީ މިދިޔަ މާޗް މަހު ބޮޑުކުރުމުން ވެސް ހިމެނޭ ކަމަށެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައި ވަނީ އިންފްލޭޝަން މައްޗަށްދާ ގޮތަށް ބަލާއިރު ކުލިތައް ކުރިއެކޭ އެއްގޮތަށް އަދިވެސް މަތިވަމުންދާ ކަމަށެވެ. އަދި އޭގެ އިތުރުން މަހުގެ އަގުތައް މިދިޔަ ދެ ކުއާޓަރުގައި ވެސް މަތިވެފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މަރުކަޒީ ބޭންކުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖެއަކީ ކުޑަ އަދި އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވުމުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުގެ އަސަރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން އެހެނިހެން ތަކެތީގެ އަގުތަކަށް އޭގެ އަސަރު ވަރަށް ބޮޑަށް ފޯރާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އިންފްލޭޝަނާ ބެހޭ ގޮތުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ލަފާކުރެވޭ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އިންފްލޭޝަން 4.4 ޕަސެންޓް މަތިވާނެ އެވެ.