ސޮނީގެ އާ ޗެނަލްތަކަކާއެކު ދިރާގު ޓީވީ އިތުރަށް ފުރިހަމަވެއްޖެ

ދިވެހިންގެ މެދުގައި މަގުބޫލް ޑްރާމާ ސީރީސްތަކާއި ފިލްމްތަކާއި ޑޮކިއުމަންޓްރީ އަދި ފޯރިގަދަ ކުޅިވަރު މުބާރާތްތައް ދައްކާ ސޮނީގެ ޗެނަލްތަކެއް ދިރާގު ޓީވީގައި ހިމެނުމުން އިތުރަށް ފުރިހަމަވެއްޖެ އެވެ.


ދިރާގުން ދެމުން އަންނަ ޓީވީ ހިދުމަތުގައި މިހާރު ސޮނީގެ 12 ޗެނަލް ހިމެނެ އެވެ. އަލަށް އިތުރުކުރި ބީބީސީ އާތު އާއި ސޮނީ ޕިކްސް އާއި ސޮނީ ރޮކްސް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކުރީ ދިރާގު ޓީވީންނެވެ. މީގެ ތެރެއިން ސޮނީ ރޮކްސް ލިބޭނީ ހަމައެކަނި ދިރާގު ޓީވީންނެވެ.

އެ ޗެނަލްތައް ތައާރަފްކުރުމަށް މިއަދު ހަވީރު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސޮނީ ޑިިޖިޓަލް ނެޓްވޯކް- އިންޑިޔާގެ ޑިރެކްޓަރު ބިޒްނަސް ޑިވެލޮޕްމަންޓް ސުސިލް ސިންގް ވިދާޅުވީ މިފަހަރު ދިރާގު ޓީވީއަށް އިތުރުކުރި ސޮނީ އެޗްޑީ 10 ޗެނަލް އަދި އެސްޑީ ދެ ޗެނަލް އިން ދިރާގު ޓީވީއަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ޗެނަލްތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލް ޗެނަލްތަކަކަށް ވެސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޮނީ ޑިިޖިޓަލް ނެޓްވޯކް- އިންޑިޔާގެ ޑިރެކްޓަރު ބިޒްނަސް ޑިވެލޮޕްމަންޓް ސުސިލް ސިންގް ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"މީގެ ތެރެއިން ގިނަ ޗެނަލްތަކަކީ ދިވެހިންގެ ވަރަށް ގިނަ ބަޔަކު ބަލަމުން އަންނަ ޗެނަލްތަކެއް. އެހެންވީމަ އެ ޗެނަލްތައް ދިވެހިންނަށް އަލެއް ނުވާނެ. އަދި ދިރާގު ޓީވީއަށް މި ޗެނަލްތައް ލިބުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ސުސިލް ވިދާޅުވި އެވެ.

ދިރާގުން ވަނީ ވަނީ އާ ޗެނަލްތައް ތައާރަފްކުރުމާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އަލަށް ހިދުމަތް ހޯދާ މީހުންގެ މެދުގައި ގުރުއަތެއް ނެގުމަށްފަހު އިނާމެއްގެ ގޮތުގައި 65 އިންޗީގެ އެލްޖީ 4ކޭ ޓީވީއަކާއި ބޯސްގެ ސައުންޑް ބާއެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. މި ޕްރޮމޯޝަންގައި މިހާރު ދިރާގު ޓީވީގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެ އެވެ. އެގޮތުން އެ ކަސްޓަމަރުންގެ ބިލް ނޮވެމްބަރު 25ގެ ކުރިން ދައްކަން ޖެހެ އެވެ.

ގިނަ އަދަދެއްގެ އެޗްޑީ ޗެނަލްތަކެއް ހިމެނޭ ދިރާގު ޓީވީގައި މިހާރު 80 ވަރަކަށް ޗެނަލް ހިމެނެ އެވެ. ދިރާގު ޓީވީގެ މަހު ފީގެ ގޮތުގައި ނަގަނީ 300ރ. އެވެ.