ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓުގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ

މި އަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަށް ޓޫރިސްޓުން އުފުލަން ގަތަރު އެއާވޭސްއިން އެއާބަސް އޭ350 މަރުކާގެ ބޯޓުގެ ދަތުރުތައް ފަށަން ނިންމައިފި އެވެ.


އެ އެއާލައިންގެ 350 މަރުކާގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފުރަތަމަ ޖައްސަން ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. އެ ބޯޓުން 283 މީހުން އުފުލޭނެ އެވެ. މިއީ އެއާބަސްގެ އޭ 380 މަރުކާގެ ބޯޓު ފިޔަވައި އެންމެ ގިނަ ފަސިންޖަރުން އުފުލޭ ބޯޓެވެ.

އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ އާ ގޭޓްތައް އިފްތިތާހުކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މިއީ ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓު ރާއްޖެ އަށް އޮޕަރޭޓްކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލާނަން މި ފްލައިޓަކީ މި ރީޖަނަށް ވެސް އޮޕަރޭޓް ކުރާ ފުރަތަމަ ފްލައިޓް. އެއީ ރާއްޖެ އަށް ލިބޭ ކުރިއެރުމަކާއި އަދި ޓޫރިޒަމަށް ވެސް އަންނާނެ ކުރިއެރުމެއްކަން ފާހަގަކޮށްލަން،" އާދިލް ވިދާޅުވި އެވެ.

ގަތަރު އެއާވޭސް އިން ރާއްޖެއަށް މިހާރު ވެސް ދުވާލަކު ދެ ފްލައިޓް އޮޕަރޭޓްކުރެ އެވެ. އަދި މި އަހަރުގެ ސީޒަނާ ދިމާކޮށް އިތުރު ދެ އެއާލައިނަކުން އަލަށް ދަތުރުފަށާއިރު އެހެން ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ވެސް ނިންމާފައިވެ އެވެ.