ކާޑެއްދޫ އެއާޕޯޓު މަރާމާތުކުރަން ބޮޑު ހޭދައެއް ކުރަންޖެހޭ: ރީޖަނަލް އެއާޕޯޓްސް

ވިލާ އެއާ އިން ހިންގަނިކޮށް މިދިޔަ މާޗް މަހު އަތުލި، ގދ. ކާޑެއްދޫ އެއާޕޯޓު މަރާމާތުކުރަން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.


ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ ވިލާ އެއާއާ އެކު ހެދި އެއްބަސްވުން އުވާލިއިރު، އެ އެއާޕޯޓުގެ މަރާމާތަށް ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހިފައި ހުރި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓްގައި، ކާޑެއްދޫ އެއާޕޯޓުގެ މުހިންމު ބައެއް މަސައްކަތްތަކަށް 40 މިލިއަން ރުފިޔާ ވަނީ ހިމަނައިފި އެވެ.

"މަރާމާތަށް ވަރަށް ގިނަ ކަންތައްތައް ކުރަން އެބަހުރި. އޭގެ ތެރޭގައި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތް،" ސާމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކާޑެއްދޫ އެއާޕޯޓުގެ ރަންވޭ މަރާމާތު ކުރުމުގެ އިތުރުން ފަޔަ ލޮރީ ވެސް އަޕްގްރޭޑް ކުރަންޖެހެ އެވެ. އަދި އެ ނޫން ވެސް ވަރަށް ގިނަ މަރާމާތުތައް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލަން ނިންމައި، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން އުވައިލީ މިދިޔަ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. އެ ނިންމުން ބާތިލު ކުރުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުން ނިންމީ ހަވާލުކުރުން މަޑުޖައްސާ ލުމަށެވެ. ނަމަވެސް އެ އަމުރު ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އަދި ހައިކޯޓުގެ ނިންމުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވިލާ އެއާއިން ބުނެފައިވެ އެވެ.

ވިލާ އަށް ކާޑެއްދޫ އެއާޕޯޓް ދިނީ ނޮވެމްބަރު 2013 ގަ އެވެ. އެކަމަކު، ސަރުކާރު ކޯލިޝަނުން ވަކިވެ، އިދިކޮޅު އެމްޑީޕީއާ އެކު ގާސިމް މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު، ކާޑެއްދޫ އެއާޕޯޓް އަތުލަން ނިންމައި އެ ކަމުގެ ނޯޓިސް އޮގަސްޓް 2014 ގައި ޓޫރިޒަމް މިނިސްޓްރީން ފޮނުވި އެވެ. ވިލާ އިން ކޯޓަށް ދިއުމުން އެ ނޯޓިހަށް އަމަލުކުރުން ފަސްކުރަން ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، ސަރުކާރުން ވަނީ ސެޕްޓެމްބަރު 2014 ގައި ކާޑެއްދޫ އެއާޕޯޓް އަލުން ވިލާ އަށް ދީފަ އެވެ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ވިލާ އަށް ދީ އަދި ކުރިން އެޅި ހަރުކަށި ފިޔަވަޅުތައް އުވާލީ، ސަރުކާރަށް ފާޑު ވިދާޅުވުން ގާސިމް ހުއްޓާލެއްވުމުންނެވެ.