އެއާ ފްރާންސުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

މިއަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސްގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފި އެވެ.


ރާއްޖެއަށް ދަތުރުތައް ފެށުމުގެ ގޮތުން އައި ފުރަތަމަ ފްލައިޓް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުން ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ. އަދި އެ ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިސް އޮފިޝަލުން ބައިވެރިވި އެވެ.

އެއާ ފްރާންސްގެ ފުރަތަމަ ފްލައިޓް މިއަދު އައި އެ އެއާލައިންގެ ބައެއް އިސް ބޭފުޅުން ބޯޓުން ފައިބާ ވަޑައިގަންނަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅޭ ގޮތުން އެ އެއާލައިނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕެރިހުގެ ޗާލްސްޑިގޯލް އެއާޕޯޓުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން 200-777 މަރުކާގެ 312 ގޮނޑީގެ މަތިންދާބޯޓުތައް ކަމަށެވެ. އަދި އެ ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއަކު ބުދަ ދުވަހާއި ހޮނިހިރު ދުވަހު ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

މި އަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަށް މުޅިން އަލަށް އިތުރު ދެ އެއާލައިނަކު ދަތުރުތައް ފަށަން ނިންމާފައިވެ އެވެ. އެގޮތުން އެއާ ފްރާންސްގެ އިތުރުން އިންޑިއާގެ މުމްބާއީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އިންޑިގޯ އެއާލައިނުން ދަތުރުކުރަން ނިންމާފައިވެ އެވެ. އޭގެ އިތުރުން އިޓަލީގެ ގައުމީ އެއާލައިން، އަލިޓާލިއާ އިން ވެސް ވަނީ ރާއްޖެއަށް އިއްޔެ ޝެޑިއުލް ދަތުރުތަކެއް ފަށައިފަ އެވެ.