އުރީދޫ "ކަލާ ރަން" އަންނަ މަހު، އަވަހަށް ތައްޔާރުވޭ!

އުރީދޫން "ކަލާ ރަން"ގެ ނަމުގައި، ދުވުމުގެ ތަފާތު މުބާރާތެއް ތައާރަފްކޮށްފި އެވެ.


އެ ކުންފުނިން ބުނީ ކަލާ ރަން ކުރިއަށް ގެންދާނީ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު ހަވީރު ހުޅުމާލޭގައި ކަމަށެވެ. އަދި އެ މި މުބާރާތް ކުރިއަށް ގެންދަނީ އެ ކުންފުނިން ޔުނިކްސް ސްޕޯޓްސްއާ ގުޅިގެން ކަމަށް ވެސް ބުންޏެވެ.

މި މުބާރާތް ތައާރަފް ކޮށްފައިވަނީ މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު ދުވުންތެރިން ވަނީ އުރީދޫ ކާލާ ރަން އަށް ހޫނު މަރުހަބާ އެއް ކިޔައިފަ އެވެ.

އުރީދޫ ކަލާ ރަން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ނަޖީބް ވާހަކަދައްކަވަނީ.-- ފޮޓޯ: މިހާރު

ކަލާ ރަން ތައާރަފް ކޮށްދެއްވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، މީގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އަދި ތަފާތު ހަރަކާތްތަކެއް ހިމެނޭ، ފަސް ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެ ގުޅުން ބަދަހިކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މި ފޯރިގަދަ ރަން ދިވެހި ދުވުންތެރިންނާ ހަމައަށް ގެނެސްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ދުވުންތެރިންގެ އަދަދު އަންނަނީ އިތުރުވަމުން. ދުވުމަކީ ގިނަ ގުނަ ފައިދާ ހިމެނޭ ކަމަކަށްވާއިރު، މި ކަމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން އަޅުގަނޑުމެން މި ތައާރަފްކުރަނީ މި ދާއިރާ އަށް މުޅިން އާ އަދި ތަފާތު އިވެންޓެއް،" ދުވުން ތައާރަފް ކޮށްދެއްވުމަށް ފަހު އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވި އެވެ.

އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރަކަށް ދުވެ ނިމުމުން، ބަހައްޓާފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނުވަތަ ނަށަމުން ވިޔަސް ރޭސް ނިންމިދާނެ އެވެ.

ހަތް އަހަރުން މަތީގެ ހުރިހާ އެންމެންނަށް ވެސް، އެއްވެސް ފީއަކާ ނުލާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ކަލާ ރަންގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތައް ހިމެނޭ ކިޓެއް ވެސް މިހާރު ގަންނަން ލިބޭނެ އެވެ.

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާ އެކު ރެޖިސްޓްރީ ކުރެވޭނެ އެވެ.

އުރީދޫން ބުނީ، ކޮންމެ އަހަރަކު ވެސް ކަލާ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ފައިސާގެ ވަކި ޕަސެންޓެއް އެ ފަރާތަށް ހަދިޔާ ކުރާނެ ކަމަށެވެ. އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ބުންޏެވެ.