ނެޓްވޯކަށް މައްސަލައެއް ދިމާވެ ކާޑު މެޝިންތައް ދެގަޑިއެއްހާއިރަށް ހުއްޓުމަކަށް

ފިތުރު އީދާ ދިމާކޮށް ގިނަ ބަޔަކު ކޭޝް ކާޑު ބޭނުންކުރަމުންދަނިކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު މެޝިން ނެޓްވޯކަށް ދިމާވި މައްސަލައަކާ ހެދި ކާޑުގެ ހިދުމަތް ދެ ގަޑިއެއްހާއިރަށް މެދުކެނޑިއްޖެ އެވެ.


ބީއެމްއެލް އިން ބުނީ ކޭޝްކާޑު ނެޓްވޯކަށް ދިމާވި މަައްސަލައާ ގުޅިގެން މިރޭ ހިދުމަތް މެދުކެނޑިފައި ވަނީ 10:00 ހާއިރުން ފެށިގެން ކަމަށެވެ. އަދި މީގެ އިރުކޮޅެއްކުރިން އަލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުގެ އޮފިޝަލަކު ވިދާޅުވީ ކޭޝް ކާޑު ނެޓްވޯކަށް އެ މައްސަލަ ދިމާވުމާއެކު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ.

"އަޅުގަނޑުމެން ވަނީ އެ މައްސަލަ ހަައްލުކުރަން ވަގުތުން މަސައްކަތް ފަށާފައި. އެ މައްސަލަ ދިމާވި ސަބަބު މިދަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލް އިން މާލެ އާއި އަތޮޅުތަކުގައި ކޭޝް ކާޑުގެ ހިދުމަތްދޭ 3،200 ތަން ހުރެ އެވެ. އަދި މާލެ. އާއި އަތޮޅުތަކުގައި 76 އޭޓީއެމް ބަހައްޓާފައިވެ އެވެ.