ޑޮލަރުން ލިބުނު އާމްދަނީ ދަށްވެ ރިޒާވް 179 މިލިއަން ޑޮލަރަށް ވެއްޓިއްޖެ

ޑޮލަރުން ލިބޭ އާމްދަނީ ދަށްވެ، ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.


މަރުކަޒީ ބޭންކުން މިއަދު އާއްމުކުރި މިދިޔަ މަހުގެ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ އޮކްޓޯބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބްލް ރިޒާވްގެ ގޮތުގައި ހުރި 179.8 މިލިއަން ޑޮލަރަކީ މަހުން މަހަށް ބަލާއިރު ހަ ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.

އެމްއެމްއޭގެ ރިވިއުގައި ބުނެފައި ވަނީ ޑޮލަރުގެ ރިޒާވް ދަށްވެފައި ވަނީ އެ އޮތޯރިޓީ އަށް ޑޮލަރުން ލިބުނު އާމްދަނީ ދަށްވުމުން ކަމަށެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި ރަސްމީ ރިޒާވްގެ ގޮތުގައި މިދިޔަ އޮކްޓޯބަރު މަސް ނިމުނުއިރު ހުރީ 494.4 މިލިއަން ޑޮލަރެވެ. އެއީ މަހުން މަހަށް ބަލާއިރު ފަސް ޕަސެންޓް ދަށް އަދަދެއް ކަމަށް ވެސް އެމްއެމްއޭގެ ރިވިއުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ އާމްދަނީ އާއި ހަރަދުތައް

އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖެ އަށް ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމް ދާއިރާއިންނެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮކްޓޯބަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 80.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މަރުކަޒީ ބޭންކުގެ މައި އިދާރާ: ސަރުކާރުން މިދިޔަ އޮކްޓޯބަރު މަހު ވެސް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ.

އެމްއެމްއޭ އިން ބުނީ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އާއި އެ ނޫން އާމްދަނީ އިތުރުވުން ކަމަށެވެ. އަދި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައި ވަނީ ވިޔަފާރީގެ ފައިދާ އިން ލިބުނު އާމްދަނީ އިތުރުވުމުންނެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ އިތުރުވެފައި ވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެ ރިވިއުގައިވާ ގޮތުން މިދިޔަ އޮކްޓޯބަރު މަހު ވަނީ ސަރުކާރުގެ އެކިއެކި ހަރަދުތަކަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 808.9 މިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.

އެ އޮތޯރިޓީގެ ރިވިއުގައި ބުނެފައި ވަނީ އޮކްޓޯބަރު މަހު ހަރަދުތައް ދަށްވެފައި ވަނީ ސަރުކާރުގެ ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދުތައް ދަށްވުމުން ކަމަށެވެ. އަދި ކެޕިޓަލް ހަރަދުތައް ދަށްވެފައި ވަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް ކޮށްފައިވާ ހަރަދުތައް ދަށްވުމުން ކަމަށް ވެސް އެ ރިވިއުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ރިކަރަންޓް ހަރަދު ދަށްވެފައި ވަނީ ލޯނު ހިދުމަތުގެ އަގު ދަށްވުމުން ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.