ބަނޑޮހުގެ 45 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ މެރެތަނެއް ބާއްވައިފި

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓް ކަމަށްވާ ބަނޑޮސް އައިލެންޑް ރިސޯޓުގެ 45 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހާއްސަ މެރެތަނެއް ބާއްވައިފި އެވެ.


އެ ރިސޯޓުގެ އެޗްއާރު ޑައިރެކްޓާ އިސްމާއީލް ޝާހިދު ވިދާޅުވީ، "ވީވާ ލަ ވީޑާ"ގެ ނަމުގައި އިއްޔެ ހަވީރު ބޭއްވި މެރެތަން ވަރަށް ކާމިޔާބު ކަމަށެވެ. އަދި މެރެތަންގައި 120 މީހުން ބައިވެރިވި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ސްޓާފުންގެ އިތުރުން ގެސްޓުން ވެސް ބައިވެރިވި. މިއީ އަހަރީ ދުވަހާއި ގުޅުވައިގެން މެރެތަން ބާއްވަން ފެށިތާ ތިން ވަނަ އަހަރު،" ޝާހިދު ވިދާޅުވި އެވެ.

"ފުރަތަމަ މިކަން ދިޔައީ ވެލްނަސް އެކްޓިވިޓީއެއް ގޮތަށް. ފަހުން ދެން ގެސްޓުންނާއި އެހެން ފަރާތްތަކުގެ ސަޕޯޓް މާ ބޮޑުވީމަ މެރެތަން އެއް ގޮތަށް ބާއްވަން ފެށީ،" އޭނާ ވިދާޅުވި އެވެ.

ބަނޑޮހުގެ މެރެތަންގެ ބައެއް ބައިވެރިން ކަސްރަތު ކުރަނީ.

އެ ރިސޯޓުން ވަނީ މެރެތަންގެ ބައިވެރިންނަށް ވަނީ ހާއްސަ ޓީޝާޓެއް ވިއްކާފަ އެވެ. ޝާހިދު ވިދާޅުވީ ޓީޝާޓު ވިއްކައިގެން ލިބުނު ފައިސާ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން އުފައްދާފައިވާ ޖަމިއްޔާ، އާކަށް ހަދިޔާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޓީޝާޓެއް ވިއްކީ 20 ޑޮލަރަށް. ގެސްޓުންނާއި ސްޓާފުންނަށް ވިއްކީ ވެސް ހަމަ އެ އަގުގައި. 100 އަށް ވުރެ ގިނަ ޓީޝާޓް ވިކުނު،" ޝާހިދު ވިދާޅުވި އެވެ.

އިއްޔެ ހަވީރު ބޭއްވި މެރެތަންގައި ބައިވެރިވި މީހުން ވަނީ 3.6 ކިލޯމީޓަރަށް ދުވެފަ އެވެ. އެއީ އެ ރިސޯޓް ވަށައިގެން ތިން ބުރު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އަހަރީ ދުވަސް ފާހަގަ ކުރުމަށް އަދިވެސް ގިނަ ކަންކަން ރާވާފައިވާ ކަމަށެވެ.

ބަނޑޮސް އައިލެންޑް ރިސޯޓަކީ 1972 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ހުޅުވުނު ރިސޯޓެކެވެ.