އެއާޕޯޓުގައި ރެސްޓޯރަންޓް ހިންގަން ތިން ފަރާތަކުން ކުރިމަތިލައިފި

ފްރެންޗައިސް ރެސްޓޯރަންޓާއި ކެފޭ ބްރޭންޑްތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިންވެސްޓް ކުރުމުގެ ފުރުސަތު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުވާލުމުން ތިން ފަރާތަކުން އެކަމަށް ކުރިމަތިލައިފި އެވެ.


އެމްއޭސީއެލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ވީއައިއޭގެ ވޯޓާ ފްރަންޓްގައި ހަދާ އިމާރާތުގައި ރެސްޓޯރަންޓާއި ކެފޭ ފަދަ އައުޓްލެޓް ހިންގަން މި އަހަރުގެ ކުރީކޮޅު ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ފައިނަލް ޕްރޮޕޯޒަލް މާދަމާ ހުށަހަޅާނެ ކަމަށެވެ.

"އެތަނުގައި ރެސްޓޯރަންޓާއި ކެފޭ ހިންގަން ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ބޭރުގެ ފްރެންޗައިސް ކެފޭ ހިންގަން ލައިސަންސް ލިބިފައިވާ ރާއްޖޭގެ ކުންފުނިތަކާއި ބޭރުގެ ކުންފުނިތައް ހިމެނޭ. އަޅުގަނޑުމެން މިބަލަނީ އެތަން ހުޅުވާއިރު ހަތަރެއް ނުވަތަ ފަސް ރެސްޓޯރަންޓް، ކެފޭ ހުންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، ފްރެންޗައިސް ރެސްޓޯރަންޓާއި ކެފޭ ހިންގަން ކުރިމަތިލި ފަރާތްތަކާއެކު އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރެވޭނެ އެވެ. އަދި އެތަނުގައި ހަދާ ކެފޭ، ރެސްޓޯރަންޓްތައް ހުޅުވޭނެ ދުވަހެއް އެނގޭނީ ފައިނަލް ޕްރޮޕޯޒަލް ލިބުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތަނުގެ އަމަލީ މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި ނިމޭނެ. މިހާރު ކުރަމުން ދަނީ އެންމެ ފަހުގެ މަސައްކަތްތައް،" އޮފިޝަލް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މީހުން އާއްމުކޮށް ފައިބާ ސަރަހައްދުގައި އާ އެފްއެންޑްބީ އައުޓްލެޓުތަކެއް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 14،000 އަކަފޫޓުގެ ބޮޑު އިމާރާތެއްގަ އެވެ. އެތަނުގެ ސްޓީލް އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަނީ ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

އެފްއެންޑްބީ އައުޓްލެޓުތައް ހަދާއިރު، އެމްއޭސީއެލް އިން އަންނަނީ އާ ޓާމިނަލާ ދިމާވާނެ ގޮތަށް އާ ޖެޓީތަކެއް ހަދަމުންނެވެ. އެއާޕޯޓުގައި މިހާރު ވެސް ބޭރުގެ ބޮޑެތި ބައެއް ފްރެންޗައިޒް ރެސްޓޯރަންޓުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ބާގާ ކިންގާއި ކޮފީ ކްލަބާއި ތައި އެކްސްޕްރެސްގެ އިތުރުން، ދަ ޕިއްޒާ ކޮމްޕެނީ އަދި ޑެއިރީ ކުއީން ހިމެނެ އެވެ.