ސައޫދީ އާއި ޔޫއޭއީން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަން ފަށައިފި

އަރަބި ދުނިޔޭގެ އެންމެ ތަނަވަސް ދެ ގައުމުގެ ގޮތުގައި ފާހަގަ ކުރެވޭ ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން، މުދަލާއި ހިދުމަތުގެ އަގުން އަލަށް ޓެކްސް ނަގަން ފަށައިފި އެވެ.


ދެ ގައުމުން ވެސް މުދަލާއި ހިދުމަތުގެ އަގުން ވެލިއު އެޑެޑް ޓެކްސް ނަގަން ފެށީ އާ އަހަރު ފެށުމާ އެކުގަ އެވެ. އަދި ދެ ގައުމުން ވެސް ޓެކްސްގެ ގޮތުގައި ނަގާނީ ފަސް ޕަސެންޓެވެ.

މިއާއެކު ސައުދީ އާއި ޔޫއޭއީ އަކީ ޓެކްސް ފްރީ ގައުމުތަކެއްގެ ގޮތުގައި އޮތް އޮތުމަށް މި ވަނީ ނިމުން އައިސްފަ އެވެ. އަދި މިހާރު އެ ގައުމުތަކުން ވިއްކާ ޕެޓްރޯލާއި ޑީސަލާއި ސިނގިރޭޓާއި ސޮފްޓް ޑްރިންކާއި ކާނާގެ ބާވަތްތަކާއި ޔުޓިިލިޓީ ބިލުތަކުގެ އިތުރުން ހޮޓެލް ރޫމްތައް ކުއްޔަށް ދޫކުރާއިރު ވެސް ޓެކްސްގެ ގޮތުގައި އަގުގެ ފަސް ޕަސެންޓް އިތުރުވާނެ އެވެ.

ޓެކްސް ނުނަގާ ގޮތަށް ހަމަޖައްސާފައިވަނީ ސިއްހީ ހިދުމަތްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ އިތުރުން ބޭންކްތައް ފަދަ ތަންތަނުން ދޭ ހިދުމަތްތަކުންނެވެ. ޔޫއޭއީން ޓެކްސް ނަގަން ފެށި އިރު، މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު ވަނީ ޓޫރިޒަމް ޓެކްސް ވެސް ތައާރަފް ކޮށްފަ އެވެ.

އެ ގައުމުތަކުން ޓެކްސް ނަގަން ފެށީ، ތެލުން ލިބޭ އާމްދަނީ އަށް ބަރޯސާވުން ކުޑަ ކުރުމަށް ކަމަށް ބުނެ އެވެ. މީގެ ކުރިން ސައޫދީގެ އާމްދަނީގެ 90 ޕަސެންޓް އަދި ޔޫއޭއީގެ އާމްދަނީގެ 80 ޕަސެންޓް ހިއްސާ ކުރަނީ ތެލުގެ އާމްދަނީން އެކަންޏެވެ. ނަމަވެސް ތެލުގެ އަގު ވެއްޓި، ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވުމުން މިހާރު ގިނަ އަރަބި ގައުމުތަކުން ދަނީ އިގްތިސާދު އިތުރަށް ފުޅާކޮށް، އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދަމުންނެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، މި އަހަރުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ތިން ބިލިޔަނަށް ވުރެ ގިނަ ޑޮލަރު އެ ދެ ގައުމަށް ލިބޭނެ އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި އެ އަދަދު އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.

ސައުދީ އާއި ޔޫއޭއީ އިން ވެޓް ނަގަން ފަށާފައިވާ އިރު، ބަހްރައިން، ކުވައިތު އަދި އޮމާންގެ އިތުރުން ގަތަރުން ވެސް ވަނީ ޓެކްސް ނަގަން ތައްޔާރުވާން ފަށާފަ އެވެ. މީގެ ތެރެއިން ގިނަ ގައުމުތަކުން މަސައްކަތް ކުރަނީ 2019 ވަނަ އަހުގެ ތެރޭގައި ނުވަތަ އޭގެ ކުރިން ޓެކްސް ނަގަން ފަށަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ގިނަ އަރަބި ގައުމުތަކުން ޓެކްސް ނެގުމަށް މަސައްކަތް ފެށި ނަމަ ވެސް، އެއްވެސް ގައުމަކުން އިންކަމް ޓެކްސް ނަގާނެ ކަމަށް ބުނެފައެއް ނުވެ އެވެ. އެގޮތުން ސައުދީ އާއި ޔޫއޭއީން ޓެކްސް ނަގަން ފެށި އިރު، އެ ގައުމުތަކުގައި ވެސް އިންކަމް ޓެކްސް ނެގުމަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.