މޯލްޑިވިއަން އިން އާ ސީޕްލޭނެއް ގެނެސްފި

މޯލްޑިވިއަންގެ ސީޕްލޭންގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް، އެ ކުންފުނިން މިއަދު އާ ސީޕްލޭނެއް ގެނެސްފި އެވެ.


މިއަދު އަލަށް މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަނާ ގުޅިފައިވަނީ ޑީއެޗް 6-300 ޓުވިން އޮޓާ ސީރީސްގެ، 15 މީހުންގެ ޖާގައިގެ ސީޕްލޭނެކެވެ. މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ސީޕްލޭން ގެނައީ ކެނެޑާ އިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މިއީ ބޭނުންކޮށްފައިވާ ސީޕްލޭނެއް. ބޭނުންކުރީ ކިހާ ދުވަހެއް ކަމެއް މި ވަގުތު އަޅުގަނޑަކަށް ނޭގޭ،" މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އާ ސީޕްލޭނާ އެކު، މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަނުގައި ބޭނުންކުރާ ސީޕްލޭންގެ އަދަދު ވަނީ 13 އަށް އިތުރުވެފަ އެވެ. މޯލްޑިވިއަން އިން ބުނީ އާ ސީޕްލޭން ބޭނުން ކުރާނީ އެ ކުންފުނިން ރިސޯޓްތަކަށް ކުރާ ދަތުރުތައް އިތުރަށް ފުޅާކޮށް، އިތުރު ރިސޯޓްތަކަށް ދަތުރުތައް ފެށުމަށް ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ، އާ ސީޕްލޭންގެ ފުރޮޅުތައް ނައްޓައި، ކަނދު ހަަރުކުރުމަށް ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމާ އެކު، އެ ބޯޓުގެ ދަތުރުތައް ފަށާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ގައުމީ އެއާލައިންގެ ސީޕްލޭން އޮޕަރޭޝަން އިތުރަށް ފުޅާކުރަމުން އަންނަ އިރު، އެ ކުންފުނިން ބޭރު ކުންފުންޏަކާ ގުޅިގެން އާ ސީޕްލޭން އޮޕަރޭޝަނެއް ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އާ އޮޕަރޭޝަނާ އެކު މިހާރު އެ ކުންފުނިން ހިންގާ ސީޕްލޭން އޮޕަރޭޝަނަށް ވާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.