ހުޅުލޭ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަތިންދާބޯޓުތައް ޕާކް ކުރުމަށް ބޭނުންކުރާ އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.


މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިން ހުޅުލޭގެ ހުޅަނގު ދެކުނުން ދަތުރުކުރަން ހެދި މަގުގެ ސަރަހައްދު ހިމަނައިގެން އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތް ކުރަނީ އެއާޕޯޓުގެ އާ ރަންވޭ ހަދާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން ކަމަށެވެ.

"އެ ޕްރޮޖެކްޓްގެ ދަށުން މިހާރު ކުރަމުން އަންނަނީ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް. އެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިމޭނެ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތް ނިމޭ އިރު ގާތްގަނޑަކަށް 80،000 އަކަމީޓަރު ހުންނާނެ ކަމަށެވެ.

އެމްއޭސީއެލް އިން ކުރިން ބުނީ ހުޅުލޭގެ ހުޅަނގު ދެކުނުގައި ހެދި މަގުން އިތުރުވާ ބަޔާއެކު އޭޕްރަންގައި އެއްފަހަރާ އިތުރު ހަ ބޯޓު ޕާކުކުރެވޭނެ ޖާގަ ލިބޭނެ ކަމަށެވެ. އަދި އާ ޓާމިނަލާއެކު ހަދާ އޭޕްރަން ނިމުމުން އެއްފަހަރާ ޖުމްލަ 21 ބޯޓު ޕާކުކުރެވޭނެ ޖާގަ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ބީޔޫސީޖީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެއާޕޯޓުގެ ދެ ވަނަ ރަންވޭގެ މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލްފާމެއް ހެދުން ވެސް ހިމެނެ އެވެ. އެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.