ވެލާނާ އެއާޕޯޓުގެ އާ ވީއައިޕީ ކޮމްޕްލެކްސް ހަދަން ބީޔޫސީޖީއާ ހަވާލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ވީއައިޕީ ކޮމްޕްލެކްސް ހަދަން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްފި އެވެ.


އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ޗައިނާގެ ބިޔަ ކުންފުންޏަށް އާ ވީއައިޕީ ކޮމްޕްލެކްސްގެ އިތުރުން އިއްޔެ ބިންގާ އެޅި އާ ސީޕްލޭން ޓާމިނަލް މަޝްރޫއު ވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ވަނީ ހަވާލުކޮށްފަ އެވެ.

އެމްއޭސީއެލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދެ ފޭހަކަށް ބަހާލައިގެން އަލަށް ހަދާ ވީއައިޕީ ކޮމްޕްލެކްސްގެ މަސައްކަތް އަންނަ މަހު ފެށޭވަރުވާނެ ކަމަށެވެ.

"އާ ވީއައިޕީ ކޮމްޕެލްކްސް ހަދަން ނިންމާފައި ވަނީ މިހާރު ހުރި ވީއައިޕީ ލައުންޖާ ޖެހިގެން އޮންނަ ހުސް ބިމުގައި. ދެވަނަ ފިޔަވަހީގައި މިހާރު ހުރި ލައުންޖް ތަޅާލައި ދެ ތަން އެއްކޮށްލެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ބުނީ ކުރީގެ އަކުއާ ރެސްޓޯރަންޓް ހުރި ތަނުގައި މޫދު ފެންނަ ގޮތަށް ހަތަރު ބުރި އަށް ހަދާ އިމާރާތުގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށެވެ. އަދި އަލަށް ހަދާ ވީއައިޕީ ކޮމްޕްލެކްސްގައި ޗެކިން ކުރެވޭނެ ފެސިލިޓީ އާއި ކެއިން ބުއިމުގެ ހިދުމަތްތަކާއި ފާޚާނާގެ އިތުރުން ފެންވެރޭނެ ގޮތާއި ދެ ޖިންސަށް ވަކިން ނަމާދު ކުރެވޭނެ ގޮތްތައް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި އެ ކޮމްޕްލެކްސްގައި ވީއައިޕީ އާއި ސީއައިޕީ ލައުންޖްތައް ހުންނާނީ ވަކިވަކިންނެވެ. އޭގެ އިތުރުން ވަކި ކޮޓަރިއެއް ބޭނުންވާ މީހުންނަށް އެކަން ވެސް ހަމަޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އެއާޕޯޓު ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ދަށުން އާ ރަންވޭގެ އިތުރުން އާ ކާގޯ ކޮމްޕްލެކްސްއަކާއި ފިއުލް ފާމް ހިމެނޭ މަސައްކަތް ބީޔޫސީޖީއާ ހަވާލުކުރީ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށެވެ. އެ ޕްރޮޖެކްޓްގައި ހިމެނޭ އާ ކާގޯ ކޮމްޕްލެކްސްގެ ބިންގާ އެޅުން މާދަމާ ހަވީރު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.