އެސްޓީއޯ އިލެކްޓްރޯނިކްސް އާ އިމާރާތެއްގައި ހުޅުވައިފި

އެސްޓީއޯ އިން މީގެ 25 އަހަރު ކުރިން މާލޭގައި ހެދި "އެސްޓީއޯ އިލެކްޓްރޯނިކްސް" ފިހާރަ ބަންދުކުރިތާ ހަތް އަހަރު ފަހުން އަނެއްކާވެސް ހުޅުވައިފި އެވެ.


އިސްލާމީ މަރުކަޒާ ޖެހިގެން ޗާނދަނީ މަގަށް ވާ ގޮތަށް ހުރި އުމަރު ޝޮޕިން އާކޭޑްގައި އިލެކްޓްރޯނިކްސް ސާމާނަށް މުޅިން ހާއްސަކޮށްގެން ހިންގި ފިހާރަ 2011 ގައި ބަންދުކުރީ، އެތަނުގައި އާ އިމާރާތެއް އެޅުމަށެވެ. އާ ފިހާރަ ހުޅުވީ އާ އިމާރާތް ކަމަށްވާ ސިޓީ ސްކެއާގެ ތިރީ ބުރި އާއި ފުރަތަމަ ބުރީގަ އެވެ.

ފިލިޕްސް ލަވަޖަހާ ސެޓާއި، ޕްލަސްމާ ޓީވީ އަދި މޮބައިލް ފޯނު ވިއްކުމުގައި މަގުބޫލުކަން ހޯދި ފިހާރަ، ރޭ އަލުން ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން ހުސައިން ސާލިމް އެވެ.

އޭނާ ވިދާޅުވީ އެތަނުން ފެންވަރު ރަނގަޅު، ބްރޭންޑެޑް މުދާ ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.

އުމަރު ޝޮޕިން އާކޭޑްގައި ކުރިން ހިންގި އެސްޓީއޯ އިލެކްޓްރޯނިކްސް ފިހާރަ.

މިހާރު އެތަނުން ޖޭބީއެލްގެ ހޯމްތިއޭޓާ ސިސްޓަމާއި ސައުންޑް ބާ، ޑެލް ލެޕްޓޮޕް އަދި ކޮމްޕިއުޓަރު ސިސްޓަމް، އެޕަލް އައިފޯނާއި އައިޕެޑް، ހުއަވެއި މޮބައިލް ފޯނު، އެސް.ޖޭ އެކްޝަން ކެމެރާގެ އިތުރުން ވީސްޓާ އިންޑޯ ކެމެރާ، ސްކަލް ކޭންޑީ އަދި ބްލޫޑިއޯ ހެޑްފޯނާއި އެޑިފައަ ސްޕީކާ ހިމެނެ އެވެ. އަދި ޕަވާ ބޭންކް، އެޗްޑީއެމްއައި ކޭބަލްގެ އިތުރުން ގިނަ އަދަދެއްގެ އެހެނިހެން ސާމާނު ވެސް ހިމެނެ އެވެ.

އެސްޓީއޯ އިން ރޭ ހުޅުވި އިލެކްޓްރޯނިކްސް ފިހާރައިގެ ގޭމިން ޒޯނުގައި ޗެއާމަން ސާލިމް.-- ފޮޓޯ: މިހާރު

ފިހާރާގައި ހުންނަނީ ކަރަންޓް ސިޑި އެވެ. އަދި ޒުވާނުންނާއި ކުޑަކުދިންނަށް ހާއްސަކޮށް، ގޭމްތައް ތަޖުރިބާކުރެވޭ ގޮތަށް ހާއްސަ ސަރަހައްދެއް ވެސްހަދާފައި އެބަހުއްޓެވެ.

ފިހާރަ ހުޅުވުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން މި މަހުގެ ތެރޭގައި ގަންނަ މުދަލުން 15 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ކޮންމެ ހަފްތާއަކު ވެސް ލަކީޑްރޯއެއް ނަގާ، ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް 20،000ރ.ގެ އަގުހުރި އިނާމު ލިބޭނެ އެވެ.

ރޭ ހުޅުވި އެސްޓީއޯ އިލެކްޓްރޯނިކްސް އާ ފިހާރަ.-- ފޮޓޯ: މިހާރު

އުމަރު ޝޮޕިން އާކޭޑް ހުސްކުރުމާ އެކު އެސްޓީއޯ އިން އިލެކްޓްރޯނިކްސް ސާމާނު ވިއްކަމުން ގެންދިޔައީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި، އެހެން ބައެއް ވިޔަފާރިތަކާ އެއްކޮށްލައިގެންނެވެ.

އެސްޓީއޯ އިލެކްޓްރޯނިކްސް އަކީ ކުރިން ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަ ކްރެޑިޓް ސްކީމެއްގެ ދަށުން ސާމާނު ދޫކުރި ތަނެއް ވެސް މެ އެވެ. އޭރު އެއީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލް ސްކީމެކެވެ.