އިމަޖެންސީ ހާލަތާ ގުޅިގެން ބުކިންތައް ކެންސަލް ކުރަން ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން ރޭ އިއުލާން ކުރުމުން ޓޫރިސްޓުންނާއި ޓުއާ އޮޕަރޭޓަރުން ކަންބޮޑުވެ، ބުކިންތައް ކެންސަލް ކުރަން ފަށައިފި އެވެ.


ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް އެދި ވާހަކަަ ދައްކަވަމުން މިއަދު ވިދާޅުވީ، ކުއްލި ހާލަތު ވީހާ ވެސް އަވަހަށް އުވާލަން ސަރުކާރާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި ކުއްލި ހާލަތު އުވާނުލައި ކުރިއަށް ދާ ނަމަ ޓޫރިޒަމް އިންޑަސްޓްރީއަށް ހީނުކުރާ ވަރުގެ ބޮޑު ގެއްލުންތައް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ބޮޑެތި ހުރިހާ ނޫސްތަކާއި ޓީވީތަކުން އެ ދަނީ ގޮވަމުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ކަމަށް. އަދި އެކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބޭރުގެ ޓުއާ އޮޕަރޭޓަރުން ނަގާ،" އެ ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރިސޯޓުތަކުގެ ބުކިންތައް ކެންސަލް ވަމުން ދާތީ ހާލަތު ވަރަށް ކައިރިން އަންނަނީ ބަލަމުންނެވެ.

"ކުރިއަށް އޮތީ ލޯ ސީޒަން. މިކަން ދިގު ދެމިގެންދާ ނަމަ މީގެ ގެއްލުން ވަރަށް ބޮޑުވާނެ،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީ، ލެޓްސްގޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒް މިއަދު ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރުމުން ޓޫރިސްޓުންނާއި ޓުއާ އޮޕަރޭޓަރުން އެކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ނަގަމުން ދާ ކަމަށެވެ.

"ރާއްޖޭގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބޭރުގެ އޮޕަރޭޓަރުންނަށް ކިތަންމެ ވަރަކަށް ކިޔައިދިނަސް އެކަން ގަބޫލުކުރަން އެ މީހުންނަށް ދަތިވޭ ނޫސްތަކުގައި ލިޔެފައި ހުރި ޚަބަރުތައް ފެނުމުން. ޖަލުން ބަޔަކު ދޫކޮށްލަން ނިންމުމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރު ކުރުމުން ބޭރު މީހުން އެކަން ބަލަނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފެންނާނީ މިވަގުތު ނޫން ކަމަށެވެ. ނަމަވެސް މި ހާލަތު އުވާ ނުލައި ދިގުދެމިގެންދާ ނަމަ މީގެ މަހެއްހާ ދުވަސް ފަހުން އޭގެ ނޭދެވޭ އަސަރު ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަހެއް ހާ ދުވަސްކުރިން ގިނަ މީހުން ހުންނާނީ ބުކް ކޮށްފައި. އެކަމަކު ކުރިއަށް ހުރި ބުކިންތައް ކެންސަލް ކުރަމުން ދާނެ. މައްސަލައަކީ ލޯ ސީޒަނަށް މީތި ފޯލް ވާތީ،" ރިޔާޒް ވިދާޅުވި އެވެ.

މާލެ ކައިރީގައި ހިންގާ ރިސޯޓަކުން ބުނީ މިއަދު އެކަނި ވެސް 28 ކޮޓަރީގެ ބުކިން ކެންސަލް ވެފައިވާ ކަމަށެވެ.

"ބުކިންތައް ކެންސަލް ކުރުމުން ބަރިބަރިއަށް މެސެޖްތައް ލިބެމުން އެބަދޭ. މިއީ ވަރަށް ބޮޑު ގެއްލުމެއް،" އެ ރިސޯޓުން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2015 ގައި ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކުރުމާ ގުޅިގެން އެކަމުގެ ގެއްލުމުން އަރައިގަތުމަށް އިންޑަސްޓްރީން އެތައް މިލިއަން ޑޮލަރެއް ހަރަދު ކުރި ކަމަށެވެ.

"އަޅުގަނޑުމެން އޭރު ކުރިއަށް މަސައްކަތްތައް މިހާރު އެ އޮތީ ފެނަށް ދުއްވާލާފައި. އަނެއްކާ މި ޖެހެނީ އެ މަސައްކަތް އަލުން ފަށަން. މިއީ މި ކަން އަބަދު ކުރެވޭނެ ގޮތެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުގެ މާކެޓިން ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުއްލި ހާލަތު އިއުލާން ކުރި ނަމަވެސް ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރުތައް އަދި ރިސޯޓްތަކުގެ އޮޕަރޭޝަން އާދައިގެ މަތިން ކުރިއަށް ދާ ކަމަށެވެ. އަދި ކުއްލި ހާލަތު އިއުލާން ކުރި ނަމަވެސް ރާއްޖެއަށް ދަތުރުކުރުން މަނާ ނުކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވުމުން، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާއިން ވަނީ މިވަގުތު ރާއްޖެއަށް އެ ގައުމުގެ ޓޫރިސްޓުން ދަތުރު ނުކުރަން އިލްތިމާސްކޮށްފަ އެވެ. އަދި ރާއްޖެއަށް ޔޫރަޕުން އެންމެ ގިނަ ޓޫރިސްޓުން ފޮނުވާ އިނގިރޭސި ވިލާތާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް ވަނީ ރާއްޖެ އައުމާ މެދު ސަމާލުވުމަށް ގޮވާލައި ބަޔާންތައް ނެރެފަ އެވެ.

ދުނިޔެ މަތީގެ ސުވަރުގެއެއްގެ ގޮތުގައި ސިފަކުރާ ރާއްޖޭގައި، ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ބޭރުގެ ބޮޑެތި ނޫސްތަކުން ދަނީ ރާއްޖޭގެ ހާލަތު ވަރަށް ކައިރިން ބަލައި، ޚަބަރުތައް ވަގުތުން ގެނެސްދެމުންނެވެ. މިގޮތުން ދުނިޔޭގެ އެންމެ މަޝްހޫރު ނޫސް، އެމެރިކާގެ ނިއުޔޯކް ޓައިމްސްގައި ޓޫރިޒަމާ ގުޅުވައިގެން ބުނެފައިވަނީ "ރާއްޖޭގެ ރަށްތައް ކިތަންމެ ރީތި ނަމަވެސް ރާއްޖޭގެ ސިޔާސީ ކަންތައްތައް ވަރަށް މުޑުދާރު" ކަމަށެވެ. އެ ނޫހުގެ އިތުރުން އެންމެ ބޮޑު ޓީވީ ނެޓްވޯކްތައް ކަމަށްވާ ސީއެންއެން، ބީބީސީ، އަލްޖަޒީރާ، ފްރާންސް24 އަދި ރަޝިއާ ޓީވީ ފަދަ ތަންތަނުން ދަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ޚަބަރުތައް ގެނެސްދެމުންނެވެ.