މިދިޔަ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 183 މިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ މަހު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 183.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު މިންވަރަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 11 ޕަސެންޓް އިތުރު އަދަދެކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 2.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14 ޕަަސެންޓް އިތުރު އަދަދެކެވެ. އަދި ތެޔޮ ނުހިމަނައި މިދިޔަ މަހު އެތެރެކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި އެއީ 28 ޕަސެންޓް އަދަދު އިތުރު އަދަދެއް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެތެރެކުރި މުދަލުގެ ތެރެއިން 24 ޕަސެންޓަކީ މެޝިނަރީ އަދި އިލެކްޓްރޯނިކްސް އެވެ. އެއީ ގާތްގަނޑަކަށް 636 މިލިއަން ރުފިޔާގެ މުދަލެވެ. އަދި ދެވަނައަށް އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ކާބޯތަކެއްޗެވެ. އެއީ ގާތްގަނޑަކަށް 21 ޕަސެންޓެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 218 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.