ޖޯން ކީލްސް އަށް ރާއްޖެއިން ލިބުނު ފައިދާ 31 ޕަސެންޓް ދަށްވެއްޖެ

ސްރީ ލަންކާގެ ޖޯން ކީލްސް ހޮޓެލްސް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ފައިދާ 31 ޕަސެންޓް ދަށްވެއްޖެ އެވެ.


އެ ކުންފުންޏާ ހަވާލާދީ އިގްތިސާދީ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ މިދިޔަ ކުއާޓަރުގައި ޖޯން ކީލްސްއަށް ރާއްޖޭގެ ރިސޯޓުތަކުން އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފީސް (10.9 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށެވެ. އެއީ 2.5 ޕަސެންޓް ކުރިއެރުމެއް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ފައިދާގެ ގޮތުގައި ލިބުނު މިންވަރު 156 މިލިއަން ރުފީސް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) އަށް ދަށްވެފައިވާ ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ. މިއީ، އެ ކުންފުނިން ބުނި ގޮތުގައި، އޭގެ ކުރީ ކްއާޓަރަށް ވުރެ 31 ޕަސެންޓް ދަށް އަދަދެކެވެ.

ޖޯން ކީލްސްގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ލިބުނު އާމްދަނީ އިތުރުވި އިރު އެ ކުންފުނިން ލަންކާގައި ހިންގާ ރިސޯޓުތަކުން ލިބުނު އާމްދަނީ 1.2 ބިލިއަން ރުފީސް (10 މިލިއަން ޑޮލަރު) އަށް ދަށްވެފައިވެ އެވެ. އެއީ ގާތްގަނޑަކަށް 13 ޕަސެންޓްގެ ދަށްވުމެކެވެ.

އެ ކުންފުންޏާ ހަވާލާދީ ބުނެފައި ވަނީ ލަންކާގައި އެ ކުންފުނިން ހިންގާ ރިސޯޓްތަކުން ލިބުނު ފައިދާ 70 ޕަސެންޓް ދަށްވި ކަމަށެވެ. އެގޮތުން ލަންކާގެ ރިސޯޓުތަކުން ފައިދާގެ ގޮތުގައި ލިބިފައި ވަނީ 49.3 މިލިއަން ރުފީސް (ގާތްގަނޑަކަށް 318،000 ޑޮލަރު) ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ޖޯން ކީލްސް އިން ބުނެފައި ވަނީ ރާއްޖޭގައި އެ ކުންފުނިން ހިންގާ ތިން ރިސޯޓުގެ ތެރެއިން ސިނަމަން މޯލްޑިވްސް ދޮންވެލި އަދި އެއްލައިދޫގެ ބައެއް މިިދިއަ އަހަރު ވަކި މުއްދަތެއްގައި މަރާމާތަށް ބަންދުކުރަން ޖެހުނު ކަމަށެވެ. އޭގެ ސަބަބުން އެ ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށްވެ، ފައިދާއަށް އަސަރުކުރި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ޖޯން ކީލްސް އިން ރާއްޖޭގައި ހިންގާ ދެ ރިސޯޓުގެ ހުރިހާ ކޮޓަރިތަކެއް އަލުން ހުޅުވައިގެން ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ.

އެ ކުންފުނިން ރާއްޖޭގައި ހިންގާ ތިން ރިސޯޓުގައި 340 ކޮޓަރި ހުރިއިރު ލަންކާގައި ހިންގާ އަށް ރިސޯޓުގައި 997 ކޮޓަރި ހުރެ އެވެ.