ހުޅުމާލޭގެ ޓެކްސީތަކަށް ކާޑުން ފައިސާ ދެއްކޭގޮތް ބީއެމްއެލް އިން ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓެކްސީތަކަށް ފައިސާ ދެއްކޭ "ބީއެމްއެލް ކޭޝްލެސް ރައިޑް" ހިދުމަތް ހުޅުމާލެ އަށް މިއަދު ތައާރަފު ކޮށްފި އެވެ.


މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބީއެމްއެލް އިން ތައާރަފްކުރި މި ހިދުމަތަކީ ޓެކްސީތަކުގައި ބަހައްޓާފައި ހުންނަ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިނެއް މެދުވެރިކޮށް ދަތުރަށް ފައިސާ ދެއްކޭ ގޮތަށް ޑިޒައިންކޮށްފައިވާ ހިދުމަތެކެވެ. ބީއެމްއެލް އިން ބުނީ މާލޭގައި މި ހިދުމަތަށް ވަރަށް ބޮޑަށް ތަރުހީބެއް ލިބޭ ކަމަށެވެ.

މި ހިދުމަތް މެދުވެރިކޮށް، ބީއެމްއެލްއިން ގަބޫލުކުރާ ކޮންމެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން ވެސް ޓެކްސީ އަށް ފައިސާ ދެއްކޭނެ އެވެ. މީގެ އިތުރުން ބީއެމްއެލްގެ "ކޮންޓެކްޓް ލެސް ޕޭމަންޓް" ކަމަށްވާ މޮބައިލް ޕޭ ބޭނުންކޮށްގެން ވެސް ޓެކްސީ އަށް ފައިސާ ދެއްކޭނެ އެވެ.

ބީއެމްއެލްއިން ގަބޫލުކުރާ ކޮންމެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން ވެސް ޓެކްސީ އަށް ފައިސާ ދެއްކޭނެ.

"މި ހިދުމަތް ތައާރަފް ކުރުމުން، ޓެކްސީ ދަތުރަށްފަހު ފައިސާ ހަމަކުރުމަށް ނުވަތަ ބާކީ ލާރި ލިބެންދެން މަޑުކުރަން ނުޖެހި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދަތުރު ނިންމާލައި ފައިސާ ދެއްކުމަށް މަގު ފަހިވެގެން ދާނެ،" ހުޅުމާލެ އަށް މި ހިދުމަތް ތައާރަފް ކޮށްދެއްވުމަށް ފަހު، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް ކޭޝްލެސް ރައިޑް ހުޅުމާލެ އަށް ތައާރަފްކުރީ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުންނެވެ.

ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބޭންކުން ބުނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް "އަހަރެންގެ ބޭންކް"ގެ ނަމުގައި ހިންގި ކެމްޕޭންގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.