ކުންފުނިތަކުގެ ހިންގުން ޒަމާނަށް ފެއްތުމަށް ތަމްރީނު ދީފި

ޒަމާނީ އުސޫލުތަކާ އެއްގޮތަށް ކުންފުނިތައް ހިންގާނެ ގޮތް ކުންުފުނިތަކުގެ އިސް ވެރިންނަށް އިއްޔެ ކިޔައި ދީފި އެވެ.


ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ވޯކްޝޮޕެއް ހުޅުލޭ އައިލެންޑް ހޮޓަލުގައި އިއްޔެ ވަނީ ބާއްވާފަ އެވެ.

ސީއެމްޑީއޭން ބުނީ މި ވޯކްޝޮޕް ފައްޓަވައިދެއްވީ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ކަމަށެވެ. އެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ސީއެމްޑީއޭން ބުނި ގޮތުގައި، ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކަށް ދިވެހި ކުންފުނިތައް އަހުލުވެރި ވުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖޭގެ މާކެޓަށް ބޮޑު ވާނެ ކަމަށެވެ.

ސީއެމްޑީއޭ އިންސްޓިޓިއުޓުން އިންތިޒާމް ކުރި މި ވޯކްޝޮޕުގައި މައިގަނޑު ގޮތެއްގައި ކިޔައި ދިނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާ އެއްގޮތަށް ކުންފުނިތަކުގެ ހިންގުން ބައްޓަންކުރުމުގައި ޑިރެކްޓަރުންގެ ބޯޑުގެ ދައުރާއި މަސްއޫލިއްޔަތުތަކެވެ. އަދި އެ ފަރާތްތައް ޒިންމާދާރު ކުރުވައި އެ މީހުންގެ މަސައްކަތްތަކަށް އަހުލުވެރި ކުރުވުމާ އެކު، ކުންފުނިތައް ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ހިންގާނެ ގޮތްތައް ވެސް ކިޔައި ދިނެވެ.

"އަދި ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް ތަންފީޒު ކުރުމުގެ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ޑިރެކްޓަރުންގެ ބޯޑަކީ މި ދާއިރާއިން ތަމްރީނު ލިބިފައިވާ ފަރާތްތަކަށް ހެދުމެވެ،" ސީއެމްޑީއޭގެ ބަޔާނުގައިވެ އެވެ.

މި ވޯކްޝޮޕުގައި ކިޔަވައި ދެއްވީ، ސީއެމްޑީއޭން ބުނި ގޮތުގައި، ނަސްދަގު ދުބާއީ އެކަޑަމީގައި މަސައްކަތް ކުރައްވާ ކޯޕަރޭޓް ގަވަނެންސްގެ ތަޖުރިބާކާރެެއް ކަމަށްވާ ޝެރޯން ޑިޗްބާން އެވެ. އެއް ދުވަހުގެ މުއްދަތަށް އިނގިރޭސި ބަހުން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕުގައި ސަރުކާރުގެ އެކި އޮފީސްތަކުގެ އިތުރަށް ސަރުކާރު ހިއްސާވާ އަދި އަމިއްލަ ކުންފުނިތަކުން ޖުމްލަ 42 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެ އިދާރާއިން ބުންޏެވެ.