ބީއެމްއެލްގެ އިތުރު ދެ އޭޓީއެމް އައްޑޫގައި ބަހައްޓައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫގައި އިތުރު ދެ އޭޓީއެމް ބަހައްޓައި އިއްޔެ ޚިދުމަތް ފަށައިފި އެވެ.


މި ފަހަރު އޭޓީއެމް ބެހެއްޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ގޯތިތެރޭގަ އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. އެއާޕޯޓްގައި ކުރިން ވެސް އޭޓީއެމެއް ބަހައްޓާފައި ވެ އެވެ.

އެޗްއާރްއެޗްގައި އޭޓީއެމް މެޝިނެއް މި ބެހެއްޓީ އެކަމަށް އެދި އައްޑޫގެ ވަރަށް ގިނަ ބަޔަކު އެދެމުންދާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ގައުމީ ބޭންކުން ބުނީ އައްޑޫގައި އަލަށް ބެހެއްޓި އާ ދެ އޭޓީއެމަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ޚިދުމަތްތައް ދިނުމަށް 300 މިލިއަން ރުފިޔާގެ ބަޖެޓަކުން ހިންގާ މަޝްރޫއުގެ ދަށުން ބެހެއްޓި މެޝިނެއް ކަމަށެވެ. މީގެ ސަބަބުން، ކަސްޓަމަރުން ޚިދުމަތް ހޯދުމުގައި ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި މި ފަހަރު އޭޓީއެމްތައް ބެހެއްޓުމުގައި އިސްކަން ދިނީ އާންމުކޮށް ގިނަ ބަޔަކު ޚިދުމަތް ހޯދަން ދާ ސަރަހައްދުތަކައް ބަލައިގެން ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ގަން އެއާޕޯޓްގައި އާ އޭޓީއެމް ހުޅުވަން ބޭއްވި ހަފުލާގައި މުވައްޒަފުންތަކެއް. ފޮޓޯ: ބީއެމްއެލް

އައްޑޫގައި ބީއެމްއެލްގެ ތިން ބްރާންޗެއް ހުންނައިރު، އެއިން ކޮންމެ ތަނަކުން އޭޓީއެމްގެ ޚިދުމަތް ލިބެ އެވެ. ފޭދޫގައި ވެސް އޭޓީއެމެއް ބަހައްޓާފައި ވެ އެވެ. އައްޑޫގައި ބީއެމްއެލްގެ ބްރާންޗްތައް ހުންނަނީ ހިތަދޫ، މަރަދޫފޭދޫ އަދި ހުޅުމީދޫގަ އެވެ.

އެގޮތުން ގިނަ އޭޓީއެމްތަކަކީ ސެލްފް ސާވިސް މެޝިންތަކެކެވެ.