މީރާ އަށް މިދިޔަ މަހު ބަލައިގަތް އާމްދަނީ 19 ޕަސެންޓް އިތުރުވެއްޖެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ބަލައިގަތް އާމްދަނީ 19 ޕަސެންޓް އިތުރުވެއްޖެ އެވެ.


ދައުލަތުގެ ޓެކްސް އިދާރާ އިން މިއަދު ބުނީ މިދިޔަ މަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ބަލައިގަތް އަދަދު އިތުރުވުމާއި މިދިޔަ އަހަރު ލިބިފައި ނުވާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މި މަހު ލިބުމުން ކަމަށެވެ.

މީރާ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އިދާރާ އަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ ބަލައިގެންފައި ވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ އެއް ބިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 800 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ. ޖީއެސްޓީގެ ގޮތުގައި 800 މިލިއަން ރުފިޔާ ލިބުނުއިރު ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 588.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ގޮތުގަ އެވެ. ބީޕީޓީގެ ގޮތުގައި 122.8 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ.