އައްޑު އާއި ފުވައްމުލަކުގެ ދަތުރުތަކަށް އަހަރު 19 މިލިއަން، އެކަމަކު ފައިދާ ނެރެވޭނެ

ސަދަން ޓްރާންސްޕޯޓް ލިންކްގެ ނަމުގައި އައްޑު އާއި ފުވައްމުލަކަށް ދޭން ފެށި ދަތުރުފަތުރުގެ ހިދުމަތަށް އަހަރަކު 19 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އެކަމަކު ވަރަށް އަވަހަށް އެކަމުން ފައިދާ ނެރެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.


އެ ހިދުމަތާ ބެހޭ ގޮތުން "މިހާރު"އާ ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޖުނައިދު ވިދާޅުވީ ދަތުރުތައް ފަށަން މިހާރު ވެސް ގާތްގަނޑަކަށް ވިއްސަކަށް މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށެވެ.

"މިކަމަށް އަހަރަކު 19 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ. އެކަމަކު އަޅުގަނޑުމެން މިބަލަނީ ވީ އެންމެ އަވަހަކަށް އެކަމުން ފައިދާ ނެރެވޭނެ ގޮތްތައް ހަދަން،" އޭނާ ވިދާޅުވި އެވެ.

"ހޮޓާ އެޅުމުން ކުންފުންޏަށް ބޮޑު ފައިދާއެއް ނެރެވޭނެ އަދި ސްލިޕްވޭ ކަހަލަ މުހިންމު ހިދުމަތެއް އެބަ ބޭނުންވޭ މި އަތޮޅަށް. މިއިން ކޮންމެ ކަމަކުން ވެސް ފައިދާ ނެރެވޭނެ"

ޖުނައިދު ވިދާޅުވީ ދެކުނުގެ ދަތުރުފަތުރަށް ހިނގާ ހަރަދުތައް ދެކޮޅުޖެއްސުމަށް އައްޑޫގައި 100 އެނދުގެ ހޮޓަލަކާއި މީދޫގައި ސްލިޕްވޭއެއް އަދި ހުޅުދޫގައި ރެސްޓޯރަންޓެއް ހަދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ހޮޓާ އަޅާނެ ތަނެއް އަދި ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޮޓާ އެޅުމުން ކުންފުންޏަށް ބޮޑު ފައިދާއެއް ނެރެވޭނެ އަދި ސްލިޕްވޭ ކަހަލަ މުހިންމު ހިދުމަތެއް އެބަ ބޭނުންވޭ މި އަތޮޅަށް. މިއިން ކޮންމެ ކަމަކުން ވެސް ފައިދާ ނެރެވޭނެ،" ޖުނައިދު ވިދާޅުވި އެވެ.

"މިއީ ތޯތޯ ވާހަކަތަކެއް ނޫން. އަޅުގަނޑުމެން ދިރާސާކޮށްފައި އެކަންތައް ކުރަން މިއުޅެނީ."

ޖުނައިދު ވިދާޅުވީ އެމްޕީއެލް އިން މަސައްކަތްކުރަނީ ދެކުނުގެ ދަތުރުފަތުރަށް ކުންފުނިން އަބަދު ހޭދަކުރަން ނުޖެހޭނެ ގޮތެއް ހަދަން ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ ހޭދަތައް ކުޑަކުރެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްވީކޭއިން ކުރިން ދެމުން އައި ދަތުރުފަތުރުގެ ހިދުމަތް ހުއްޓާލުމާ ގުޅިގެން، އެމްޕީއެލް އިން އަލުން އެ ހިދުމަތް ފަށަން އައްޑު އާއި ފުވައްމުލަކަށް 13 ބަސް ގެނެސްފައިވެ އެވެ. ފުވައްމުލަކުގައި ހިދުމަތް ދޭނީ ދެ ބަހުގަ އެވެ. އަނެއް 11 ބަސްތައް ބޭނުންކުރާނީ އައްޑޫގަ އެވެ. އޭގެ ތެރޭގައި އޭސީ އަދި އޭސީ ނޫން ބަސްތައް ވެސް ހިމެނެ އެވެ.