އެމްއޭސީއެލްއަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުން 200 މިލިޔަން ޑޮލަރަށް އެސްޓީއޯ އަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ބޭނުންވާ ޑީސަލާއި ޖެޓް ފިއުލް ސަޕްލައިކުރުމަށް އެސްޓީއޯ އާއެކު 200 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.


ތެޔޮ ސަޕްލައިކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރު އެވެ.

އާދިލް ވިދާޅުވީ މި އެއްބަސްވުމަކީ ކުރިއަށް އޮތް ދެ އަހަރަށް އެ ކުންފުންޏަށް ބޭނުންވާ ތެޔޮ ގަތުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމަކީ ފާއިތުވި ހަ އަހަރު އެސްޓީއޯ އިން އެ ކުންފުންޏަށް ތެޔޮ ވިއްކި ވަރަށް ވުރެ އަގު ހެޔޮކޮށް ސަޕްލައިކުރުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އަހަރު އަޅުގަނޑުމެންނަށް މި ލިބުނީ ކުރީ އަހަރުތަކަށް ވުރެ ވަރަށް ރަނގަޅު އަގެއް. އެ އަގު ލިބުމަށް މައިގަނޑު ސަބަބަކީ އެސްޓީއޯ އިން ވަރަށް ފަހުން ފިއުލް ސަޕްލައި ކުރަން ގެނައި 25،000 ޓަނުގެ ވެސަލް. އެހެންވީމަ އޭގެ ފައިދާ ލިބިގެން މި ދަނީ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓް ތަރައްގީގެ ތެރެއިން 45،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފިއުލް ފާމެއް ތަރައްގީ ކުރަން ހަމަޖެހިފައިވާތީ، އޭގެ ސަބަބުން ވެސް ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ.

އެސްޓީއޯ އަށް މި މަސައްކަތް ހަވާލު ކުރީ ކޮން އުސޫލަކުންތޯ "މިހާރު" އިން ސުވާލު ކުރުމުން އާދިލް ވިދާޅުވީ، އެއްބަސްވުން އެކުލަވާލީ ދެ ފަރާތުން މަޝްވަރާ ކޮށްގެން އެންމެ ފައިދާ ހުރި ގޮތަށް ބަލާފައި ކަމަށެވެ. އަދި ދެ ކުންފުންޏަކީ ވެސް ސަރުކާރުގެ ކުންފުނި ކަމުން އެކަމަށް ހުރަހެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ އެފަދަ ބޮޑެތި މަސައްކަތްތައް ބޭރު ކުންފުނިތަކަށް ދިނުމުން އޭގެ ނޭދެވޭ އަސަރު ގައުމުގެ އިގްތސާދަށް ކުރާނެ ކަމަށެވެ. އަދި އެއީ ސަރުކާރުގެ ދެ ކުންފުންޏަށް ވުމުން ބިޑް ނުކޮށް މަޝްވަރާ ކޮށްގެން ކުރިއަށް ދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ އިގްތިސާދަށް މީގެ ފުރިހަމަ ފައިދާ ލިބުން. ބޭރު ބަޔަކަށް މި ކުއަންޓިޓީ ލިބިއްޖެނަމަ ރާއްޖެ އަކަށް، ރާއްޖޭގެ އިގްތިސާދަކަށް އަދި އާންމު ރައްޔިތުންނަކަށް މިކަމުގެ އެންމެ ފުރިހަމަ ފައިދާއެއް ނުވާނެ،" ޝަހީރު ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ތެރެއިން ތެޔޮ ވިއްކާ ރޭޓާއި ގުޅޭގޮތުން ސުވާލު ކުރުމުން ޝަހީރު ވިދާޅުވީ، ވިޔަފާރީގެ ސަބަބުތަކަށްޓަކައި ރޭޓް އާންމު ކުރަން ހަމަޖެހިފައި ނުވާ ކަމަށެވެ. ނަަމަވެސް ރޭޓް ހެދިފައިވަނީ، ބައިނަލްއަގުވާމީ ޕްރައިޒް އިންޑެކްސް އަކާއި ގުޅުވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.