ތިން ހަރަމަށްކުރާ އުމްރާ ދަތުރެއް ހައްޖު ކޯޕަރޭޝަނުން ތައާރަފްކޮށްފި

މިއަހަރުގެ ފަހުކޮޅު ތިން ހަރަމަށް ކުރާ ހާއްސަ އުމްރާ ދަތުރެއްގެ ޕެކޭޖެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ތައާރަފްކޮށްފި އެވެ.


މި ދަތުރުގައި ހިމެނެނީ މުސްލިމުންގެ ތިން ހަރަމްކަމަށްވާ މަސްޖިދުލް ހަރަމް (މައްކާ) އާއި މަސްޖިދުއް ނަބަވީ (މަދީނާ) އަދި ފަލަސްތީނުގައި ހުންނަ މަސްޖިދުލް އަގްސާ އެވެ.

ތިން ހަރަމަށް ކުރާ މި ދަތުރުގެ އަގަކީ 41,965ރ. އެވެ. އަދި ހަތަރު މީހުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ ގުރޫޕެއް ރަޖިސްޓްރީކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެ ދަތުރުގައި ތިން ހަރަމަށް ޒިޔާރަތްކުރުމުގެ އިތުރުން ސައޫދީ ޢަރަބިއްޔާ އާއި ޖޯޑަން އަދި ފަލަސްތީނުގައި ހުރި އިސްލާމީ ތާރީހާއި ގުޅުންހުރި މުހިއްމު ބައެއް ތަންތަން ބަލާލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ އަދި މަސްޖިދުލް އަގްސާގައި ހުކުރު ނަމާދު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި ދަތުރުގައި ހޭދަކުރަން ހަމަޖެހިފައި ތިން ހަރަމްގައި ޖުމްލަ 18 ދުވަސް ކަމަށެވެ. އެގޮތުން މައްކާގައި 11 ދުވަސް، މަދީނާގައި ދެ ދުވަސް، ޖޯޑަންގައި ދެ ދުވަސް އަދި ފަލަސްތީނުގައި ތިން ދުވަހެވެ.

އެ ދަތުރުގައި ފުރުމަށް ހަމަޖެހިފައި ވަނީ ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އަދި މާލެ އައުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ.

އެ ކުންފުނިން ބުނީ އުމްރާއަށް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ފުރުމަށްފަހު އެ ކޯޕަރޭޝަނަށާާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކަށް ގޮސް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި ރަޖިސްޓްރީކުރާއިރު ފޯމާއި އެކު މަދުވެގެން 5,000ރ. ދައްކަން ޖެހެ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެ ދަތުރުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީކުރުމާއި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކަމަށެވެ. އަދި އެ މުއްދަތުގެ ކުރިން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް މަހުން މަހަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމް ވެސް ހަމަޖައްސައިދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.