7،000 ހައުސިން ޔުނިޓްގެ މަސައްކަތްތައް ދަނީ ޝެޑިއުލަށްވުރެ އަވަހަށް: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ 7،000 ހައުސިން ޔުނިޓްގެ މަސައްކަތް ދަނީ ކަނޑައަޅާފައިވާ ޝެޑިއުލަށް ވުރެ ބާރަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.


އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގާ އެންމެ ބޮޑު ހައުސިން މަޝްރޫއުގެ ބޮޑު ބައެއް މިއަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށެވެ.

"މި އަހަރު ނިމުމުގެ ކުރިން ސްޓްރަކްޗަރަލް މަސައްކަތުގެ ބޮޑު ބައެއް ނިމޭނެ. އަޅުގަނޑުމެން ކަނޑައަަޅާފައި ވަނީ ދެ އަހަރުގެ ތެރޭގައި މުޅި ޕްރޮޖެކްޓް ނިންމަން. އެ ޝެޑިއުލަށް ވުރެ އަވަހަށް މިހާރު ވެސް މަސައްކަތް ކުރިޔަށް ދަނީ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ 7،000 ހައުސިން ޔުނިޓްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްކުރަނީ. މިއަހަރުގެ ތެރޭގައި އެ ފްލެޓްތަކުގެ ބޮޑު ބައެއް ނިމޭނެ. ފޮޓޯ: އެޗްޑީސީ

އޮފިޝަލް ވިދާޅުވީ މިހާރު ވަނީ އެތަނުގައި ހަދާ 16 ޓަވަރުގެ ފައުންޑޭޝަންގެ ކޮންކްރީޓް އަޅަން ފަށާފައި ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ ކޮންމެ ފަސް ދުވަހުން ކޮންކްރީޓް އަޅާ ނިމޭނެ ކަމަށް. އެ މަސައްކަތް ދަނީ 24ގަޑިއިރު ހުއްޓުމެއް ނެތި ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 16 ޓަވަރުގައި މަދުވެގެން 35،000 މީހުންގެ އާބާދީއަކަށް އުޅެވޭނެ ކަމަށް ބެލެވެ އެވެ.

ދެވަަނަ ފިޔަވަހީގައި "ހިޔާ މަޝްރޫއު"ގެ ދަށުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ފްލެޓް އަޅަން ނިންމައި އަމަލީ މަސައްކަތް ވަނީ ފަށައިފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ 7،000 ހައުސިން ޔުނިޓްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްކުރަނީ. ފޮޓޯ: އެޗްޑީސީ

ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ހިންގާ އެންމެ ބޮޑު މަޝްރޫއު ނޮވެމްބަރު 18، 2017 ގައި ހުޅުމާލޭގައި ފައްޓަވައި ދެއްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، އެ މަޝްރޫއު އަންނަ އަހަރު ނިންމާލެވޭނެ ކަމަށެވެ. އަދި ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ފުރަތަމަ ބިންގާ އެޅި ބައެއް ތަންތަނުގައި މި އަހަރު ވެސް މީހުން ދިރިއުޅެން ފެށޭވަރުވާނެ އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލައި، މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ސިވިލް ސާވިސްގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންނާއި ޑޮކްޓަރުންނާއި ނަރުހުން އަދި އާއްމުންގެ އެކި ގިންތިތައް ހިމެނޭ ގޮތަށް ކެޓަގަރީތަކެއް ކަނޑައަޅާފައިވާ އިރު، ފްލެޓްތަކަށް ކުރިމަތިލާން ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.