ދިރާގުން ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް ވިލިނގިއްޔަށް

ދިރާގުން ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް ގއ. ވިލިނގިލީގައި މިއަދު ތައާރަފުކޮށްފި އެވެ.


ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތާއި 100 އެމްބީޕީއެސް އާ ހަމައަށް ސްޕީޑް ލިބޭ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފުކުރުމަށްފަހު އެ ރަށުގައި ވަނީ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން އެއްވެސް އަގަކާ ނުލައި ކަނެކްޝަން ގުޅައިދިނުމާއި ދިރާގު ޓީވީ ބަލަން ބޭނުންވާ ޖޯއިބޮކްސް ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން މި މަސް ނިމުމުގެ ކުރިން ފޯމް ހުށަހަޅާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި، 1ވަނަ ލިބޭ މީހަކަށް 55 އިންޗީގެ ޓީވީއަކާއި 1 އަހަރު ވަންދެން ދިރާގު ޓީވީގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް ބުންޏެވެ.

ގިނަ އަދަދެއްގެ އެޗްޑީ ޗެނަލްތަކެއް ހިމެނޭ ދިރާގު ޓީވީގައި މިހާރު 80 އަށް ވުރެ ގިނަ ޗެނަލް ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އަލަށް ތައާރަފުކުރި ޑިޒްނީގެ ޗެނަލްތަކާއި ހިންދީ އަދި އިނގިރޭސި ފިލްމު ދައްކާ ޗެނަލްތައް ހިމެނެ އެވެ.

ދިރާގު ޓީވީގެ މަހު ފީގެ ގޮތުގައި ނަގަނީ 300ރ. އެވެ.

ގއ. ވިލިނގިލީގައި ދިރާގުން ހުޅުވާފައިވާ އެ ކުންފުނީގެ ފިހާރައެއް.--ފޮޓޯ: ދިރާގު

މީގެ ކުރިން ދިރާގުން ވަނީ، އެ ކުންފުނީގެ ޓީވީ އާއި ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ޅ. އަތޮޅުގެ ބައެއް ރަށްތަކާއި ހދ. ކުޅުދުއްފުށީގައި ވެސް ރަސްމީކޮށް އިފްތިތާހު ކޮށްފަ އެވެ.

ދިރާގު ފައިބާ އިންޓަނެޓުގެ ހިދުމަތް މާލެ ސަރަހައްދާއި ރާއްޖޭގެ 38 ރަށަކަށް މިހާރު ވަނީ ފޯރުކޮށްދީފަ އެވެ.