މާޗް މަހު އައި ޓޫރިސްޓުން އިތުރުވެއްޖެ

މިދިޔަ އަހަރުގެ މާޗު މަހަށް ވުރެ މިދިޔަ މާޗް މަހު ރާއްޖެ އައި ޓޫރިސްޓުން އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މި މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާއިރު، މިދިޔަ މަހުގެ ބޮޑު ބައެއް ހޭދަވީ ރާއްޖޭގައި ސްޓޭޓް އޮފް އިމަޖެންސީ ހިންގާފައި އޮއްވަ އެވެ.


ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރެ އިން ފެށިގެން 45 ދުވަހުގެ މުއްދަތަކަށް ދިގު ދެމުނު ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައި ވަނީ މާޗް 22 ވަނަ ދުވަހު އެވެ.

އެ މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 18.5 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މާޗް މަހު ރާއްޖެ އަށް 133،466 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައީ ޖަރުމަނުންނެވެ. އެ ގައުމުން އެކަނި މާޗް މަހު 14،692 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ފަހަކަށް އައިސް ޗައިނާ ފިޔަވައި އެހެން ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އައި ފަހަރެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރިން އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާއިން މިދިޔަ މަހު އައިސްފައި ވަނީ 13،203 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މާޗްމަހާ އަޅާބަލާއިރު 27.5 ޕަސެންޓް ދަށް އަދަދެކެވެ. ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު އެހާ ބޮޑަށް ދަށްވިއިރު ކުއްލި ހާލަތު އިއުލާންކުރުމުން ރާއްޖެއަށް ދަތުރު ނުކުރަން އެ ގައުމުން ޓްރެވަލް އެޑްވައިޒަރީ ނެރެފައިވެ އެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗް މަހު ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިޓަލީންނެވެ. އެ ގައުމުން 13،198 މީހުން އައިސްފައިވެ އެވެ. މިއީ 33 ޕަސެންޓްގެ ކުރިއެރުމެކެވެ.