ދުނިޔޭގެ ސްޕާތަކުގެ އެވޯޑް ރަސްމިއްޔާތު މިފަހަރު ސެންޓް ރެޖިސް ވޮއްމުލީގައި

ދުނިޔޭގެ ސްޕާތަކުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު މި ފަހަރު ސެންޓް ރެޖިސް ވޮއްމުލީގައި ބާއްވަން ހަމަޖައްސައިފި އެވެ.


ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ އަންނަ އޮކްޓޯބަރު މަހު ބާއްވާ އެ ރަސްމިއްޔާތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިޒަމް ދާއިރާގެ ލީޑަރުން ބައިވެރިވާނެ ކަމަށެވެ.

ވޯލްޑް ސްޕާ އެވޯޑްސްގެ މެނޭޖިން ޑިރެކްޓަރު ރިބެކާ ކޯހެން ވިދާޅުވީ އެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ދޮންވެލި ގޮނޑުދޮށްތަކާއި ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތައް ފެންނަ ސްޕާތަކުގެ އިތުރުން މިހާރު ވަނީ ވޯލްޑް ސްޕާ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ރާއްޖޭގައި ބާއްވަން ނިންމާފައި. އަޅުގަނޑު ދެކޭ ގޮތުގައި މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވަން މި އަށް ވުރެ އެކަށީގެންވާ ތަނެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ސެންޓް ރެޖިސް އިން މޫދުގައި ހަދާފައިވާ 20،000 އަކަފޫޓުގެ "އިރިޑިއަމް ސްޕާ"އަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އޯވާ ވޯޓާ ސްޕާ އެވެ. އެ ސްޕާގައި ޔޯގާގެ އިތުރުން މެޑިޓޭޝަން ސްޓޫޑިއޯއަކާއި ޒަމާނީ ފެންވަރުގެ ޖިމެއް ވެސް ހުރެ އެވެ. އެ ތަނުގައި ހިދުމަތް ދިނުމަށް ހަ ސުއިޓް ހަދާފައި ހުރެ އެވެ.

ވޯލްޑް ސްޕާ އެވޯޑަކީ 2015 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.