މަހާޖައްރާފް ޑްރެޖަރު ގަންނަން ސަރުކާރުން ދިނީ ލޯނެއް ނޫން: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިދިޔަ އަހަރު ފަހުކޮޅު ރާއްޖެ ގެނައި އެ ކުންފުނީގެ ޑްރެޖަރު ގަތުމަށް ސަރުކާރުން ދިނީ ލޯނެއް ނޫން ކަމަށް އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒް ވިދާޅުވެއްޖެ އެވެ.


ހޮޓަލް ޖެންގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ބައްދަލުވުމުގައި، އެ ކުންފުނީގެ ހިއްސާދާރެއް ކަަމަށްވާ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް މުއްތަލިބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނިޔާޒް ވިދާޅުވީ ސަރުކާރުން ފައިސާ ދިނީ ހިއްސާާ އަށް ބަދަލުކުރާ ގޮތަށް ކަމަށެވެ.

"ވަކި ހިސާބަކުން އަޅުގަނޑުމެން [ރައިޓްސް އިޝޫއަކަށް] ބަދަލުކޮށްލައިގެން ކުރި ކަމެއް ނޫން އެއަކީއެއް. އެނގިވަޑައިގަންނަވާނެ ލޯނެއްގެ ގޮތުގައި އަޅުގަނޑުމެން ނަގައިގެން އައި ނަމަ އެ ލާރިއަކީ އަޅުގަނޑުމެން ސަރުކާރަށް ވެސް ދައްކަންޖެހޭނެ އެއްޗެއް،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ އެކަން ކުރެވުނު އިރު އޮތީ އާންމު ހިއްސާދާރުންނަށް އެކަން ނޭނގި ކަމަަށެވެ. އަދި ރައިޓްސް އިޝޫ ހުޅުވާލުމަށް ޚާއްސަ ޖަލްސާއެއް ބާއްވައިގެން ނިންމީ، އެކަން ހިއްސާދާރުންނަށް އެންގުމަށް ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

"އެއްވެސް ހާލަތެއްގައި އެއީ ކުރީގައި ލޯނު ނަގާފައި ފަހުން އެކަން ކުރި ކުރުމެއް ނޫން އެއަކީ... ލޯނު ނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ނަމަ ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ އެ [ލޯނު] ދައްކަން ވެސް ޖެހޭނެ. އިންޓްރަސްޓާ އެހެނިހެން ބައިވަރު ކަންތައްތައް ވެސް އޭގެ ތެރޭގައި އެކުލެވިގެން ދާނެ،" ނިޔާޒް ވިދާޅުވި އެވެ.

ރޭ ބޭއްވި ޖަލްސާގައި މުއްތަލިބު ސުވާލު ކުރައްވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އޭނާ އެހެން ވިދާޅުވި އިރު، މިހާތަނަށް އެމްޓީސީސީން ބުނެފައި އޮތީ އެ ކުންފުނިން ރައިޓްސް އިޝޫއެއް ހުޅުވާލައި، ހިއްސާ ވިއްކަން ނިންމީ، މަހާ ޖައްރާފު ޑްރެޖަރުގެ މަސައްކަތަށް ދައްކަން ޖެހުނު 11 މިލިޔަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް ސަރުކާރުން ލޯނު ނަގައިގެން ދެއްކުމަށް ފަހު، އެ ލޯނު އިކުއިޓީގެ ގޮތުގައި ބަދަލު ކުރަން ނިންމުމުން ކަމަށެވެ.

މަހާޖައްރާފްގެ މަސައްކަތަށް ޖުމްލަ 36 މިލިޔަން ޑޮލަރު ހަރަދުވި އިރު، އެޑްވާންސް ޕޭމަންޓް ދަައްކަަން ސަރުކާރުން ލޯނު ދޫކުރީ ސުން ފަސެންޓް އިންޓަރެސްޓްގައި ކޮންވާޓަބްލްގައި ލޯނެއްގެ ގޮތުގައި ކަމަށް ވެސް އެ ކުންފުނިން އޮތީ ބުނެފަ އެވެ.

މިކަމާ ގުޅޭ ގޮތުން މުއްތަލިބު ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރި އިރު، ރައިޓްސް އިޝޫ އާ ގުޅިގެން މިރޭގެ ޖަލްސާގައި އެމްޓީސީސީގެ އަސާސީ ގަވާއިދުގައި ހިއްސާދާރުންގެ މެދުގައި ހިއްސާ ބެހިފައިވާ ގޮތް ބަޔާންކުރާ ފަސް ވަނަ މާއްދާ އަށް ގެންނަ ހުށަހެޅި ބަދަލު ފާސް ނުކޮށް ފަސްކުރުމަށް ވެސް އޭނާ އެދުނެވެ. ނަމަވެސް ބޮޑު އަގުލަބިއްޔަތަކުން އެ އިސްލާހު ވަނީ ފާސްކޮށްފަ އެވެ.

ރައިޓްސް އިޝޫގައި 10 މިލިޔަން ހިއްސާ ވިއްކަން މަސައްކަތް ކުރި ނަމަވެސް، މުއްދަތު ހަމަވި އިރު އޭގެ ތެރެއިން 1.9 މިލިޔަން ހިއްސާ ނުވިކި ހުރިކަން ފާހަގަ ކުރަމުން މުއްތަލިބު ވަނީ އެ ހިއްސާ އާންމުންނަށް ވިއްކަން ހުޅުވާލުމަށް ވެސް އެދިފަ އެވެ. މުއްތަަލިބުގެ ހުށަހެޅުމާ ގުޅިގެން ނިޔާޒް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެކަން ކުރަން ވިސްނާނެ ކަމަށެވެ.

މަހާޖައްރާފުގެ މަސައްކަތްތައް ރޭވިފައި އޮތީ ކިހިނެއްތޯ އެހެން ހިއްސާދާރަކު ސުވާލު ކުރުމުން، އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މި އަހަރަށް އެއްކޮށް މަހާޖައްރާފުގެ ޝެޑިއުލް މިހާރު ފުލްވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ޕްރޮޖެކްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ޕްރޮޖެކްޓްތަކަށް ވެސް މަހާޖައްރާފް ދޫކުރާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.