ކާރިސާގެ ހާލަތުގައި ގުޅިގެން މަސައްކަތްކުރަން އެމްއޭސީއެލް އާއި ޑިޒާސްޓާ އިން ސޮއިކޮށްފި

ކާރިސާގެ ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.


މި އެއްބަސްވުމުގައި ސޮއިކުރީ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ސޮއި ކުރެއްވި އިރު، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ.

ސޮއި ކުރެއްވުމަށް ފަހު އާދިލް ވިދާޅުވީ، ކާރިސާތަކުން އެއާޕޯޓަަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމާއި، އޭވިއޭޝަން ދާއިރާގައި ކުރިމަތިވާ ކާރިސާތަކަށް މީހުން ހޭލުންތެރި ކުރުވުން ފަދަ މަސައްކަތްތައް މި އެއްބަަސްވުމުގެ ދަށުން ދެ ފަރާތުން ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

"މި އެއްބަސްވުމަަކީ އަޅުގަނޑުމެން ދެ ފަރާތުން، ކަމެއް ދިމާވެއްޖެ ނަމަ ކަންތައްތައް ކުރާނެ ގޮތާއި އަދި ދެ ފަރާތުން ބޭނުންވާ ސަޕޯޓްތައް އަޅުގަނޑުމެން ފޯރުކޮށްދީ، ގުޅުންބަދަހި ކުރުމުގެ ގޮތުން ކުރެވުނު ކަމެއް،" އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލް އާއި ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުގެ ބައެއް ބޭފުޅުން ގުރޫޕް ފޮޓޯއެއް ނަގަަނީ.-- ފޮޓޯ: މިހާރު

ޑިޒާސްޓާ އިން ބުނީ މިއަދު ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ކާރިސާތަަކުން ސަލާމަތްވުމާ ގުޅޭ ޚާއްސަ ވޯކްޝޮޕްތަކާއި ޓްރެއިނިން ޕްރޮގްރާމްތައް އެމްއޭސީއެލްއާ ގުޅިގެން ހިންގާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެއްބަސްވުގެ ކުރިން ވެސް އެއާޕޯޓުގެ ކަންކަމުގައި ޑިޒާސްޓާއިން ހަރަކާތްތެރިވެ އެވެ. ޑިޒާސްޓާ އިން ބުނީ ކުރިން ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރި ނަމަވެސް، މިފަދަ އެއްބަސްވުމެއް އެކުލަވާލެވިފައި ނެތް ކަމަށެވެ.