ބީއެމްއެލް އިން މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދު 27 ޕަސެންޓް އިތުރުވެއްޖެ

ބީއެމްއެލް އިން މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދު 27 ޕަސެންޓް އިތުރުވެއްޖެ އެވެ.


ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ނެރުނު އަހަރީ ރިޕޯޓުގައިވާ ގޮތުން، އެ ބޭންކުން އެކި ދާއިރާތަކަށް 4.4 ބިލިއަން ރުފިޔާގެ ލޯނު ދުކުރި އެވެ. އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް މިދިޔަ އަހަރު ވަނީ 4.1 ޕަސެންޓަށް ދަށްވެފަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 55 ޕަސެންޓްގެ ދަށްވުމެކެވެ.

ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ނެރުނު އަހަރީ ރިޕޯޓުގައިވާ ގޮތުން ބީއެމްއެލް ހިމެނޭ ގޮތަށް މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދު 16 ޕަސެންޓް އިތުރުވި އިރު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ 15 ޕަސެންޓް އިތުރުވެފަ އެވެ.

ބީއެމްއެލް އަށް މިދިޔަ އަހަރު ލިބުނު ފައިދާ ހަތަރު ޕަސެންޓް އިތުރުވި އެ ބޭންކު ހިމެނޭ ގޮތަށް މިދިޔަ އަހަރު ބޭންކުތަކުގެ ފައިދާ ވަނީ 17 ޕަސެންޓް ދަށްވެފަ އެވެ.

ބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކުހާ އެކު މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސްގެ ފައިސާ ކެނޑުމުން ސާފު ފައިދާގެ ގޮތުގައި 1.02 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.