ބޮޑެތި މަޝްރޫއުތައް ދިވެހި ކުންފުނިތަކާ ދުރަށް!

ދިވެހި އިގުތިސާދުގައި އެންމެ ހަލުއިކޮށް ކުރިއަރަމުން މިދަނީ، ޢިމާރާތް ކުރުމުގެ ސިނާޢަތް - ކޮންސްޓްރަކްޝަން އިންޑަސްޓްރީއޭ ބުނުމުން އެކަކު ވެސް މިއަދު ހައިރާން ވާކަށް ނުޖެހެ އެވެ. ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ހާމަކުރާ ރަސްމީ އިދާރާތަކުން އެންމެ ފަހުން ލިބެން ހުރި ތަފާސްހިސާބަށް ބަލާއިރު 2014 ގައި 28.5 ޕަސެންޓް، 2015 ގައި 26.8 ޕަސެންޓް އަދި 2016 17 ޕަސެންޓަށް މި ސިނާޢަތް ކުރިއެރި އެވެ. އެއީ 2014 – އިން 2016 އަށް ބަލާ ނަމަ، އެވަރެޖްކޮށް 24 ޕަސެންޓްގެ ކުރިއެރުމެކެވެ. ގައުމީ އުފެއްދުންތެރިކަމުގެ ހިސާބުތައް ކަމަށް ވާ ނެޝެނަލް އެކައުންޓްސްގެ 2017ގެ އަދަދުތައް އަދި ހާމަކޮށްފައި ނެތަސް، 2017ގެ ކުއާޓަލީ ހިސާބުތައް ބުނާ ގޮތުން 2017 ގައި ވެސް ޢިމާރާތް ކުރުމުގެ ސިނާޢަތް ވަނީ ކުރިއަރާފަ އެވެ.


މިދެންނެވި ތަފާސްހިސާބު ބުނާ ގޮތުން، މި މުއްދަތުގައި ދިވެހި އިގުތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާފައިވަނީ އެއް ޕަސެންޓަށް ވުރެ ދަށުންނެވެ. މަސްވެރިކަމުގެ ސިނާޢަތް ވެސް ހުރީ އެއް ޕަސެންޓްގަ އެވެ. ދަތުރުފަތުރުކުރުމާއި މުވާސަލާތީ ޚިދްމަތުގެ ސިނާޢަތް ހަތް ޕަސެންޓްގެ ކުރިއެރުމެކެވެ. ބޮޑެތި ސިނާޢަތް ކުރިއެރި މިންވަރު މަޑުޖެހިލާފައިވާ މި މުއްދަތުގައި، ޢިމާރާތް ކުރުމުގެ ސިނާއަތް އެވްރެކްޖޮށް 24 ޕަސެންޓް ކުރިއަރައި، ރާއްޖޭގެ ޖުމްލަ އިގުތިސާދަށް ވަނީ ހަ ޕަސެންޓްގެ ކުރިއެރުމެއް ލިބިފަ އެވެ.

މިދެންނެވި މުއްދަތު، 2014- 2016 އަށް އިމާރާތް ކުރުމުގެ ސިނާއަތަށް 17 ޕަސެންޓްގެ ކުރިއެރުން ލިބުނު ކަމަށް ހިސާބުތަކުން ދެއްކުމުން، ދިވެހި އިގުތިސާދަށް މިއަދު ދިރުން ދެނީ ކޮން ސިނާއަތަކުންކަން ހާމަވެ އެވެ. ފައިދަށުވެ ހިނގަން އުނދަގޫވާ މިންވަރަށް އަޅާފައިވާ ހޮޅިތަކުގެ އަދަދުންނާއި، ހަލުއިކަމާ އެކު އުހަށް އަރަމުންދާ ޢިމާރާތްތަކުގެ ނިސްބަތުން، އަދި ކިއެއްތަ ސަރާސަރު ދުރަށް، ހާމަކަން ބޮޑުކޮށް ނިމެމުންދާތަން ފެންނަން ހުރި ބްރިޖާއި، ހުޅުމާލެ މަލަމަތި ފަރުމާކޮށްފައިވާ ޓަވާ ކްރޭންތަކާއި، މާލޭގެ މަލަމަތީގެ ތަސައްވަރު ބަދަލުކޮށްދޭ، ނަސަންދުރަ އަދި އައިޖީއެމްއެޗްގެ 25 ބުރި ހޮސްޕިޓަލް ދެކޭ އެއްވެސް ކަތަކު ދިވެހި އިގުތިސާދަށް މިއަދު ދިރުން ގެނެސްދެނީ އިމާރާތް ކުރުމުގެ ސިނާއަތުން ކަމާ މެދު ޝައްކެއް ނުކުރާނެ އެވެ.

ވަކި ސިނާއަތެއްގެ ގޮތުގައި އިމާރާތް ކުރުން ދާއިރާ ގައުމީ ތަފާސްހިސާބުގެ ސުރުޚީތަކަށް އަރަން ފެށީ 80ގެ އަހަރުތަކުގައި، ރާއްޖޭގައި އަލަށް ދޫކުރި ރިޒޯޓުތައް ހަދަން ފެށުމާ ހަމައިންނެވެ. އެދުވަހުން ފެށިގެން އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރައި، އިގުތިސާދަށް ދިރުން ދޭ އިންޖީނެއްގެ ގޮތުގައި ހަރަކާތްކުރަން ފެށީ 2000 އަހަރުތަކުގެ ކުރީ ކޮޅުގަ އެވެ. އެއިގެ ކުރިން ދެ ޕަސެންޓްގެ މިންވަރުގައި ގައުމީ އުފެއްދުންތެރިކަމަށް ހިއްސާކުރަމުން ގެންދިޔަ ސިނާޢަތުގެ ޙިއްސާ 2003 އިން ފެށިގެން ރަނގަޅުވެ، ދިވެހި ބަޖެޓުންނާއި، ބޭރު ފަރާތްތަކުގެ އެހީގައި ސުނާމީގެ ގެއްލުން އާރާސްތު ކުރުމަށް ހިންގި އަވަސް އަދި ގިނަ ހަރަކާތްތަކާ އެކު، ޢިމާރާތް ކުރުމުގެ ސިނާއަތުގެ ހިއްސާ 2005 ގައި ހަތް ޕަސެންޓާ ހަމައަށް ކުރިޔަށް ޖެހިލައި، 2008 ގައި އެ ނިސްބަތް 10 ޕަސެންޓަށް އެރި އެވެ.

ދިވެހި ޖިއޮގްރަފީ އާއި ގައުމީ ވަސީލަތްތައް އަތުރާލެވިފައިވާ ތަރުތީބުގެ ސަބަބުން، އިމާރާތް ކުރުމުގެ ސިނާއަތުގައި ބޭނުންކުރަން ޖެހެނީ ބޭރު ދުނިޔެއިން އިމްޕޯޓް ކުރެވޭ ހިލަ އާއި ސިމެންތި އަދި ހިލަވެލި ކަމަށް ވެފައި، ސިނާއަތުގައި މަސައްކަތްތެރިންނަކީ މުޅިންހެން ބިދޭސީން ކަމުން، އިމާރާތް ކުރުމުގެ ސިނާއަތުގެ އާމްދަނީގެ ބޮޑު ބައެއް އަބަދުވެސް ދިޔައީ ރާއްޖޭގައި ބަނޑުނުޖަހައި، ކަނޑުއޮޅިން ނުކުމެގެންނެވެ. ނަމަވެސް މިވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި އިމާރާތް ކުރުމުގެ ސިނާއަތަށް ދިވެހި ކުންފުނިތައް ވަދެ، ފައިހަރު ކުރުމުގެ ސަބަބުން، ސުޕަވައިޒަރީ ފެންވަރުގައި ދިވެހި ފަންނާނުންތަކެއް ވަނީ މި ސިނާއަތަށް ތަމްރީނުވެ، ތަޖްރިބާތަކެއް ހޯދައި، ސިނާއަތް ދިރުވާނޭ ދިވެހި ފަންނުވެރިންތަކެއް އުފެދިފަ އެވެ.

އިމާރާތް ކުރުމުގެ ސިނާއަތުގައި ދިވެހި ކުންފުނިތަކެއް ކުރީ ސަަފަށް ޖެހިލައި، ފައިހަމަ ކުރިއިރު، ދިވެހި ވިޔަފާރިވެރިން، ހިލަ އާއި ހިލަވެލި، ސިމެންތި ފަދަ ތަކެތި ގަނޑުކޮށް އިމްޕޯޓްކޮށް މި ވިޔަފާރީގައި ހަމަޖެހިލި އެވެ. ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކަށް ދިވެހި ބޭންކްތަކުން ލޯނު ދިނުމުގެ ސަބަބުން، ދިވެހި ބޭންކްތަކަށް، އަދި އެބޭންކުތަކުގެ ހިއްސާދާރުންނަށް ފައިދާ ފޯރުކޮށްދެވުނެވެ. އިމާރާތް ކުރުމުގެ ސިނާއަތަކީ، ދިވެހި އިގުސިދާދަށް ފައިދާ ކުރާ، ދިވެހި ކުންފުނިތަކަށް ފައިދާ ޖަމައުކޮށްދޭ، އާ ޖީލެއްގެ ދިވެހި ފަންނާނުން އުފެއްދި ސިނާއަތަކަށް 2000ގެ އަހަރުތައް ނިމުނު އިރު ވަނީ ބަދަލުވެފަ އެވެ.

ނަަސަންދުރަ ހޮޓެލްގެ އާ އިމާރާތް: ބޭރު ބަޔަކު ކުރަމުން އަންނަ ބޮޑު މަސައްކަތެއް

ނަމަވެސް މިއަދުގެ ދިވެހި އިގުތިސާދަށް ދިރުން ގެނެސް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އިމާރާތް ކުރުމުގެ ސިނާއަތުގައި މިއަދު ހިނގާ ބިޔަ ޕްރޮޖެކްޓްތައް މި ހިނގަނީ މި ބިދައަކުން ނޫނެވެ. އިގުތިސާދުގެ އަތުގައި ހިފައިގެން މިއަދު ހިނގާ ބިޔަ ޕްރޮޖެކްޓްތައް މި ހިންގަނީ ތަފާތު ބުމަކަށް ފައި ބަހައްޓައިގެން ބޭރު މިޔުޒިކަށެވެ.

މިދެންނެވި ބިޔަ ޕްރޮޖެކްޓްތައް ކަމުގައިވާ މާލެ- ހުޅުމާލެ ބްރިޖް، އައިޖީއެމްއެޗް ހޮސްޕިޓަލް، ނަސަންދުރަ ހޮޓެލް، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންނަށް އެޅުމަށް ތައްޔާރު ވަމުންދާ 25 ބުރީގެ 62 ޓަވަރު، މި ޕްރޮޖެކްޓްތަކަކީ ރާއްޖޭގައި ހިނގާ ޕްރޮޖެކްޓްތައް ކަމަށް ވިޔަސް، އެޕްރޮޖެކްޓްތަކަށް ފަންޑުކުރަނީ ބޭރު ބޭންކުތަކުންނެވެ. ޕްރޮޖެކްޓްތަކުގެ ކޮންޓްރެކްޓަރުންނަކީ ބޭރު ފަރާތްތަކެވެ. އެބައި މީހުން ރަށަށް އަރަނީ ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ހިފައިގެން، މީހުންނާއި ސުޕަވައިޒަރުން ވެސް ގޮވައިގެންނެވެ.

އެހެންކަމުން މިދެންނެވި ބިޔަ ޕްރޮޖެކްޓްތައް ހިންގުމުގައި މިދާއިރާގައި ކުރިއަރާފައިވާ ރާއްޖޭގެ ކުންފުނިތަކުގެ ދައުރެއް ނެެތެވެ. ދިވެހި ބޭންކްތަކަށް ލިއްބައިދޭ ނަފާއެއް ނެތެވެ. ދިވެހި ވިޔަފާރިވެރިންގެ ބައިވެރިވުމެއް ނެތެވެ. މި ދާއިރާގައި ފަންނުވެރި ދިވެހި ހުނަރުވެރިންގެ ހިއްސާއެއް ނެތެވެ. ނުވަތަ މިފަދަ ބިޔަ ޕްރޮޖެކްތަކާ ބަލާފައި ނުލާހިކު ބޮޑުތަނުން މަދެވެ.

ބޭރުގެ ބޮޑެތި ކޮންޓްރެކްޓަރުން، ބޭރު އެގްޒިމް ބޭންކުން ލޯނު ހިފައިގެން، ބޭރުން ތަކެއްޗާއި މީހުން ގެނެސްގެން ބިޔަ ޕްރޮޖެކްޓް ހިންގުމުން ރާއްޖޭގައި މައިގަނޑު ގޮތެއްގައި ހަރުލަނީ، ދޫކޮށްފައި ދާ ޕްރޮޖެކްޓް އެކަނި ކަމަށް ވިޔަސް، ގައުމީ އުފެއްދުން ތެރިކަމުގެ މިންގަނޑުގެ ހިސާބުތަކުގައި، ނުވަތަ ނެޝެނަލް އެކައުންޓްސްތަކުގައި، އެ ހަރަކާތްތައް ވެސް ހިމެނޭނެ އެވެ. އެހެންކަމުން، 2014-2016 އަށް އެވްރެޖްކޮށް 24 ޕަސެންޓުން ކުރިއަރަމުން ދިޔަ، އަދި މިހާރުވެސް ކަޑަބޮށް ޖަހަމުންދާ އިމާރާތްކުރުމުގެ ސިނާއަތުގެ ސަބަބުން ޖުމްލަކޮށް ދިވެހި، އަޅުގަނޑުމެންގެ މާދަރީ ސިނާޢަތް ކުރިއެރީ ކިހާ ވަރަކުން ބާވާއޭ ސުވާލު ކުރެވިދާނެ އެވެ.

އަޅުގަނޑުމެންގެ އަވަށްޓެރި މެލޭޝިޔާގައި ފަށާފައިވާ އަދި ފެށުމަށް ތައްޔާރު ކޮށްފައިވާ، މިފަދަ ބިޔަ ޕްރޮޖެކްޓްތައް ރޭވިފައިވާ ގޮތާ މެދު ދެ ވަނަ ވިސްނުމަކަށް ގޮސް، މެލޭޝިޔާގެ ކުންފުނިތަކާއި މާލީ އިދާރާތަކުގެ ބައިވެރިވުން އިތުރުކުރެވޭނޭ ގޮތަށް ނޫނީ ނުހިންގުމަށް މެލޭޝިޔާގެ އާ ސަރުކާރުން ވަނީ ނިންމާފަ އެވެ. ޢިމާރާތް ކުރުމުގެ ސިނާޢަތަކީ، ރާއްޖޭގެ އިޤްތިޞާދުގައި މިއަދު މުހިންމު ދައުރެއް އަދާކުރާ އަދި ގައުމީ އުފެއްދުންތެރިކަމުގައި މުހިންމު ހިއްސާއެއް ހިފަހައްޓާ ސިނާއަތެކެވެ. އެސިނާޢަތުގެ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް އެސިނާޢަތުގައި ޙަރަކާތްތެރިވާ ދިވެހި ކުންފުނިތަކެއް އުފެދި، ބޮޑުވެ މިއަދު ވަނީ ތަސައްރުފު ފުދިފަ އެވެ. އެފަދަ ފަރާތްތަކުގެ ބައިވެރިވުން ހިމަނައިގެން ހިންގާ ޕްރޮޖެކްޓްތަކުގެ ފައިދާ ގައުމަށް ބޮޑުތަނުން ފަހިވާނެ އެވެ. އޮޅުވާ ނުލައްވައްޗެވެ. ފަހަރުގައި ވެސް އަޅުގަނޑު މިދަންނަވަނީ 25 ބުރީގެ ޢިމާރާތާއި، ބްރިޖް ފަދަ ތަކެތި އެޅުމުގެ ހުނަރާއި ގާބިލުކަން ހުރި ދިވެހި ކުންފުނިތަކެއް މިއަދު އުފެދިފައި ހުރި ވާހަކައެއް ނޫނެވެ. އެކަމަކު މިފަދަ ޕްރޮޖެކްޓްތަކުގެ"'ބައިކުޅަބައެއްގެ ބައިކުޅަބައެއް"ގައި ނަމަވެސް މިއަދު ދިވެހި ކުންފުނިތަކުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވުމުން މެނުވީ މާދާމާ ނޫން އަނެއް ދުވަހަށް ތައްޔާރެއް ނުވެވޭނެ އެވެ. ކަނބުރު އުނދުނު ގިނި ނިވާލަން އުޅެގެން މެނުވީ ބައި ކަނބުރަކަށް ވެސް ނުވެވޭނެތީ އެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދުގައި ހިނގާ އަދި ހިންގަން ފަރުމާ ކުރެވޭ ޢިމާރާތްކުރުމުގެ ބޮޑެތި މަޝްރޫޢުތަކުގައި ދިވެހި ކުންފުނިތައް ބައިވެރިވެވޭ ގޮތަށް ހިންގަން ވިސްނުމަކީ ޢިމާރާތް ކުރުމުގެ ސިނާޢަތުގެ މިއަދަށާއި މާދަމައަށް އެންމެ ރަނގަޅު ގޮތެވެ.