މާލެ ކައިރި ބައެއް ރިސޯޓުތަކާއި ގެސްޓްހައުސްތައް އީދު ޗުއްޓީ އަށް ފުރިއްޖެ

މާލެ ކައިރި ބައެއް ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ޑިމާންޑް އީދު ޗުއްޓީ އަށް ބޮޑުވެ، ގިނަ ތަންތަން އެއްކޮށް ފުލްވެއްޖެ އެވެ.


މާލެ ކައިރި ބައެއް ރިސޯޓުތަކަކުން ބުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ގިނަ ބަޔަކު ބުކިން ހައްދަން ފެށި ކަމަށެވެ. އަދި ބައެއް ރިސޯޓުތައް މިހާރު އެއްކޮށް ފުލް ވެފައިވާ ކަމަށާއި، އަދިވެސް ގިނަ ބަޔަކު ބުކިން ހެއްދުމަށް ގުޅަމުން އަންނަ ކަމަށެވެ.

"މީގެ 10 ވަރަކަށް ދުވަސް ކުރިން އަޅުގަނޑުމެންގެ ހުރިހާ ރޫމްތަކެއް ފުރިއްޖެ. އަދި ވެސް އެބަ ގުޅާ ރޫމް ހޯދަން. ވަަރަށް ޑިމާންޑް ބޮޑުކޮށް އޮތީ،" ޕެރަޑައިސް އައިލެންޑްގެ ރިސޯޓް މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

ޕެރަޑައިސް އާއި އެކު ވިލާ އިން ހިންގަމުން އަންނަ ސަން އައިލެންޑާއި، އެހެން ރިސޯޓުތައް ވެސް މިހާރު ގާތްގަނޑަކަށް ފުލް ވެފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

މާދަމާ އީދަށް ނުވެ، ހުކުރު ދުވަސް އީދަށް ވެއްޖެ ނަމަ، އީދު ބަންދުގެ ގޮތުގައި ލިބޭނީ ހަމައެކަނި ދެ ދުވަސް [ހުކުރާއި ހޮނިހިރު] ކަމުން، މި ފަހަރު ގިނަ މީހުން ޗުއްޓީ އަށް ދާނީ މާލެއާ ކައިރި ރަށްރަށުގެ ގެސްޓްހައުސްތަކާއި ރިސޯޓްތަކަށެވެ.

އީދު ބަންދާ ދިމާކޮށް ދިވެހިންނަށް އަގުހެޔޮ ޕެކޭޖުތައް މި ފަހަރު، ގިިނަ އިން ނެރުނީ ވެސް މާލެ ކައިރި ރިސޯޓުތަކުންނެވެ. އެގޮތުން އާންމުކޮށް ޕެކޭޖުތަކުގެ އަގުތައް އުޅެނީ ދެ މީހަކަށް، ރެއަކަށް 3،000ރ. އިން ފެށިގެންނެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ، މާފުށި، ތުލުސްދޫ ފަދަ މާލެ ކައިރި ރަށްރަށުގެ ގެސްޓްހައުސްތަކަށް ޑިމާންޑް ބޮޑުވެ، ގިނަ ތަންތަން ފުރިފައިވާ ކަމަށެވެ. ގެސްޓްހައުސްތަކުން އީދާ ދިމާކޮށް ދިވެހިންނަށް ރޫމް ވިއްކީ އެރަކަށް 500ރ. އިން ފެށިގެން 1،000ރ. އާއި ދެމެދުގެ އަގުތަކެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާންމުކޮށް ވީކެންޑްސް އާ ދިމާކޮށް ވެސް މާލެ ކައިރި ގެސްޓްހައުސްތަކަށް ޑިމާންޑް ބޮޑުވޭ. ވީކެންޑް އީދާ ދިމާވީމަ އަދި އިތުރަށް ޑިމާންޑް ބޮޑުވެގެން މި ދިޔައީ،" ކަރަމް ވިދާޅުވި އެވެ.

މީގެ ކުރިން ދިވެހިން އާންމުކޮށް އީދު ޗުއްޓީ އަށް ބޭރު ގައުމުތަކަށް ދިޔަ ނަމަވެސް، ފަހަކަށް އައިސް އެ ކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެ، ގެސްޓްހައުސްތަކާއި ރިސޯޓުތަކަށް ޗުއްޓީ އަށް ދާން ފަށައިފަ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް އީދާ ދިމާކޮށް ގިނަ ތަންތަން ފުލްވި އެވެ.

މާލެ އަތޮޅުން ބޭރުން ވެސް ބައެއް ރިސޯޓުތަކުން އީދު ޕެކޭޖުތައް ނެރުނެވެ. ނަމަވެސް މާލެ އާ ދުރު ގިނަ ރިސޯޓުތަކުން ބުނާ ގޮތުގައި އެ ތަންތަނަށް މި ފަހަރު އެހާ ބޮޑު ޑިމާންޑެއް އަދި ނެތެވެ. ގިނަ ރިސޯޓުތަކުން ބުނީ، އެއީ މި ފަހަރުގެ އީދު ޗުއްޓީ ކުރު ވުމުން ކަމަށް ބެލެވޭ ކަމަށެވެ.