ޔޫއެފްއެސް އިން މާލޭގައި ފިހާރައެއް ހުޅުވައި، ރީޓެއިލް މާކެޓަށް!

ރިސޯޓް ސަޕްލައި ކުރުމުގައި ކާމިޔާބު ޔުނައިޓެޑް ސަޕްލައިސް (ޔޫއެފްއެސް) އިން ރާއްޖޭގެ ރީޓެއިލް މާކެޓަށް ނިކުމެ، އެ ކުންފުނީގެ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.


ސަލާތައީ ރެސްޓޯރެންޓުގެ އިރުން، ހިތަށްފިނިވާ މަގުގައި މިއަދު ހުޅުވި ފިހާރައިގެ އަމާޒަކީ، ދުޅަހެޔޮ ރަނގަޅު ބާވަތްތަކުގެ ކާބޯތަކެތި ވީހާ ވެސް ހެޔޮ އަގެއްގައި އާންމުންނަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދެ ބުރި އަށް ހަދާފައިވާ "ނުޔައިޓެޑް ޝޮޕް" މަތީ ބުރީގައި އެކްސްޕީރިއަންސް ޒޯނެއް ވެސް ވަނީ ހުޅުވާފަ އެވެ. ޔޫއެފްއެސް އިން ބުނީ އެކްސްޕީރިއަންސް ޒޯނުން، އެ ކުންފުނިން ބާޒާރަށް ނެރޭ ތަކެތި ތަޖުރިބާކޮށް، އެ ރަހަތަކަށް ފަރިތަވުމުގެ ފުރުސަތު އާންމުންނަށް ލިބިގެން ދާނެ ކަމަށެވެ.

އޭގެ އިތުރުން އެ ތަނުން ތާޒާ ކަމާ އެކު ތައްޔާރުކޮށްފައި ހުންނަ ސޭންޑްވިޗާއި، ސްމޫތީސް، ސެލަޑް އަދި ޕާނާއި، ސްރޮސޯންސް ފަދަ ބާވަތްތައް އަބަދު ވެސް ލިބެން ހުންނާނެ އެވެ.

ޔޫއެފްއެސް އިން މިއަދު ހުޅުވި ފިހާރަ އަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައިވާ ފިހާރައެކެވެ.

"އަޅުގަނޑުމެން ވިއްކާ އެމީ ކިރު، ޔޯގަޓް އަދި ސްވިޒް ޗޮކްލެޓަކީ ރާއްޖޭގައި މިވަގުތު ވިއްކަން ހުރި މިފަދަ އެންމެ ފެންވަރު ރަނގަޅު އެއްޗެހި. ޔޫއެފްއެސް އިން ވިއްކާ އެއްޗެއްސަކީ ހުރިހާ މިންގަނޑުތަކެއް ފުރިހަމަވެ، ސްވިސް ސްޓޭންޑާޑް އަށް ފެތުމުން، ސްވިޒް ލޯގޯ ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވާ ތަކެތި،" ޔޫއެފްއެސް ފިހާރައިގެ އެކްސްޕީރިއަންސް ޒޯންގައި ހުންނަވައި، އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވި އެވެ.

ޔުނައިޓެޑް ޝޮޕްގެ އެކްސްޕީރިއަންސް ޒޯން.-- ފޮޓޯ: ނިޝާން އަލީ/މިހާރު

"ފިސާރި ދުޅަހެޔޮ" ޝިއާރުގެ ދަށުން ޔޫއެފްއެސް އިން އަންނަނީ ފްރާންސްގެ ޑޫ ބްރެންޑުގެ ކުކުޅާއި ޓާކީ ރާއްޖޭގައި ވިއްކަމުންނެވެ. ޔޫއެފްއެސްގެ ފިހާރަ އިން ވެސް މި ތަކެތި ލިބެން ހުންނަ އިރު، މިއީ އާންމުކޮށް ރާއްޖޭގައި ވިއްކަން ހުންނަ ގޮތަށް ގަނޑުކޮށް ވިއްކާ އެއްޗެއް ނޫނެވެ.

"ޑޫ ބްރޭންޑްގެ ކުކުޅާ ޓާކީ އަކީ ޔޫރަޕުގެ ސްޓޭންޑާޑްތަކަށް ފުރިހަމަ އަށް ފެތިގެން، ފްރާންސްގައި ވިހައި، ބޮޑެތިކޮށް، ހަލާލު ގޮތުގައި ކަތިލާފައި އީޔޫގެ މިންގަނޑުތަކަށް ފެތޭ ތަކެތި،" ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތައް ކާމިޔާބުކަމާ އެކު ހިންގަވާފައިވާ އާތިފް ވިދާޅުވި އެވެ.

ޔުނައިޓެޑް ޝޮޕްގައި ވިއްކަން ހުރި ބައެއް ސާމާނުތައް ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޔޫއެފްއެސް އިން އަންނަނީ ކޮލޮގްސްގެ ސަބްސިޑިއަރީ ކުންފުންޏަކުން މިސްރުގައި އުފައްދާ "ނަން ޖީއެމްއޯ" ދީރިއަލްގެ ބާވަތްތައް ވެސް ރާއްޖޭގައި ވިއްކަމުންނެވެ. އެ ކުންފުނިން ބުނާގޮތުގައި މިއީ ރާއްޖޭގެ މާކެޓުގައި ހުރި ހަމައެކަނި "ނަން ޖީއެމްއޯ" ސީރިއަލް އެވެ.

މިއަދު ހުޅުވި ޔޫއެފްއެސްގެ ފިހާރައިން، އާންމުކޮށް ރާއްޖޭގެ ބާޒާރަށް އެތެރެކޮށް ވިއްކާ ބާވަތްތަކުގެ އިތުރުން ތުރުކީ އާއި ފްރާންސުން ގެންނަ ތާޒާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ލިބޭނެ އެވެ. އަދި ތާޒާ ފަތްޕިލާވެލީގެ ބާވަތްތައް ކަމަށްވާ ރޯޒްމެރީ، ޓެރަގޯން، ޑިލް، ޕާސްލީ އަދި ކޮރިއަންޑާ ފަދަ ގިނަ ބާވަތްތައް ވެސް އެ ފިހާ އިން ވިއްކަ އެވެ.

ޔުނައިޓެޑް ޝޮޕްގައި ވިއްކަން ހުރި ބައެއް ފަތްޕިލާވެލީގެ ބާވަތްތައް ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ފެންވަރު ރަނގަޅު ޗީޒްގެ ބާވަތްތައް ކަމަށްވާ ބްރީ، ގައުޑާ، ފިލަޑެލްފިޔާ އަދި ބަފަލޯ މޮޒަރެއްލާގެ ބާވަތްތައް ވެސް އެތަނުން ލިބެން ހުންނާނެ އެވެ. އަދި ފެންވަރު ރަނގަޅަށް ބަންދުކޮށްފައިވާ ކޯލްޑް ކަޓްސް ކަމުގައިވާ ބީފް ސަލާމީ، ސްލައިޑްސް އޮލިވް މޮޓަޑެއްލާ، ސްލައިޑްސް ޓާކީ ހޭމް، ސްލައިޑް ޓާކީ ޕެޕެރޯނީ ފަދަ ތަކެތި ވެސް އަބަދު ވެސް އެ ފިހާރަ އިން ލިބެން ހުންނާނެ ކަމަށް ޔޫއެފްއެސް އިން ބުނެ އެވެ.

އާތިފް ވިދާޅުވީ ޔުނައިޓެޑް ޝޮޕުން ރާއްޖޭގެ ރީޓެއިލް މާކެޓަށް އަލަށް ނެރުނު އެންމެ މުހިންމު އެއް ބާވަތަކީ ތާޒާ (ނަން ފްރޯޒަން) ޗިލްޑް ބީފް އަދި އިތުރަށް ކަފާ، ބުރިކުރަން ނުޖެހޭ ގޮތަށް އަދި ވަގުތުން ކެއުމަށް ބޭނުންކުރެވޭ ސައިޒަށް ތައްޔާރުކޮށްފައިވާ "ޗިކަން ޕޯޝަން ކޮންޓްރޯލް" ކަމަށެވެ.

"ސައުތު އެފްރިކާ އިން އެތެރެކޮށްފައިވާ ފްރެޝް ޗިލްޑް ބީފާއި، ލަންކާގެ މަޝްހޫރު ބައިރަހާ ބްރޭންޑުން އެތެރެކޮށް، ހުޅުމާލޭގައި ޔޫއެފްއެސް އިން ހަދާފައިވާ އެޗްއޭސީސީޕީ އަދި އައިއެސްއޯ ސެޓެންޑާޑް އެޕްރޫވްޑް ޕްރޮސެސިން ޔުނިޓުގައި ޕޯޝަންކޮށް ބަންދު ކޮށްފައިވާ މިތަކެއްޗަކީ ކެއުމަށް ރައްކާތެރި، ތައްޓަށް ހެޔޮވަރު، ސިއްހީގޮތުން ރަނގަޅު، ޖީބަށް ބަރު ނޫން، ފެންވަރު ރަނގަޅު ތަކެތި،" ރާއްޖޭގެ ކާމިޔާބީއާ އެކު އަވައްޓެރި ލަންކާގައި ވެސް މިހާރު ވިޔަފާރި ކުރަމުން އަންނަ ކުންފުނީގެ އެމްޑީ ވިދާޅުވި އެވެ.

ޔޫއެފްއެސް އިން ބުނީ އެ ކުންފުނި އޮތީ "ފިސާރި ސާބިތުކަމާ އެކު ރީޓެއިލަށް އަމާޒު ހިފާފައި" ކަމަށެވެ. އަދި ޔުނައިޓެޑް ޝޮޕުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކައިރި މުސްތަގުބަލެއްގައި ސުޕަމާކެޓެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.