އިންޑިއާ އިން ކޯޓާ ކުޑަ ކުރިޔަސް ފިޔާ، އަލުވި، ބިހުގެ އަގު ބޮޑެއް ނުވާނެ: ވިޔަފާރިވެރިން

އިންޑިއާ އިން ރާއްޖެ އަށް ދޭ ކޯޓާ ކުޑަ ކުރިޔަސް ފިޔާ، އަލުވި އަދި ބިހުގެ އަގު ބޮޑުނުވާނެ ކަމަށް ވިޔަފާރިވެރިން މިއަދު ބުނެފި އެވެ.


ރާއްޖެ އަށް ގިނަ އަދަދަކަށް ފިޔާ، އަލުވި އަދި ބިސް އެތެރެކުރާ ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވީ އެ ކުންފުނިން މިހާރު އެތެރެކުރާ ނިސްބަތަށް ބަލާއިރު އަލަށް ހަމަޖެއްސި ކޯޓާއާ ގުޅިގެން ސަޕްލައި އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ބެލި އިރު ސަޕްލައި ވެސް މަދެއް ނުވާނެ. އެއީ ރާއްޖެއަށް އެ ބާވަތްތައް އިންޑިއާއިން ގެންނަ މިންވަރު ކޯޓާގައިވާ އަދަދަކަށް ވުރެ އިތުރު ނުވާނެތީ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ އިން ވަނީ ކާޑުގެ ބާވަތްތަކުގެ އިތުރުން އަލުއްވާއި ފިޔާ އަދި ކުކުޅު ބިހުގެ ކޯޓާގެ ވެސް ވަރަށް ބޮޑު ތަނުން ދަށްކޮށްފަ އެވެ. އެ ބާވަތުގެ ކޯޓާގެ ގޮތުގައި، މިހާރު ކަނޑައަޅާފައި ވަނީ 5،308.7 ޓަނުގެ އަލުއްވާއި 9،892 ޓަނުގެ ފިޔާ އެވެ. މީގެ އިތުރުން، ބިހުގެ ކޯޓާ ވެސް ވަނީ 111،809،090 އަށް ދަށްކޮށްފަ އެވެ. ކުރިން ރާއްޖެއަށް ދޫކޮށްފައި ވަނީ 11،714 ޓަނުގެ އަލުއްވާއި 19،466 ޓަނުގެ ފިޔައާއި 232،805 މިލިއަން ބިހެވެ.

"އާއްމުކޮށް ޑިމާންޑް މަތިވަނީ ރޯދަމަހު. ނަމަވެސް އޭގެ ފަހުން ޑިމާންޑް ދަށްވުމުން ކޯޓާއާ އެއްވަރަށް އަހަރުގެ ތެރޭގައި ވެސް އެތެރެނުކުރެވޭ،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓާއަށް ގެނައި ބަދަލާ ގުޅިގެން ސަޕްލައިއަށް އެއްވެސް ދަތިކަމެއް މިވަގުތު ނެތް ނަމަވެސް ފަހުން އެފަދަ މައްސަލައެއް ދިމާވާނެތޯ ބަލާނެ ކަމަށެވެ.

"ފަހުން ކަންތައް ވާނެ ގޮތެއް ނޭނގެ. މިވަގުތު އެއްވެސް ދަތިކަމެއް ނެތި ބޭނުންވާ އަދަދަށް ހުރިހާ ބާވަތްތައް ވެސް އެބަ ގެނެވޭ،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑާ ހަވާލާދީ ދަ ވަޔާ ނޫހުގައި ބުނެފައި ވަނީ ކުރިއަށް އޮތް އެއް އަހަރަށް ބޭނުންވާ އަސާސީ ކާބޯތަކެތި ކޯޓާއާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ބާވަތްތައް އެތެރެކުރެވޭނެ ކަމަށެވެ.