ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށްފި

ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށް، ކަސްޓަމަރުންގެ ފޯނަށް ޔޫސޭޖް ނޮޓިފިކޭޝަން ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ. އޭގެ އިތުރުން މުޅިން އާ ޕެކޭޖެއް ވެސް އެ ކުންފުނިން ތައާރަފް ކޮށްފައިވެ އެވެ.


ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިން ބުނީ ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ ތެރެއިން އެންމެ މަގުބޫލު ޕެކޭޖްތަކުގެ އެލެވަންސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ ބަދަލާއެކު ކަސްޓަމަރުންގެ މަހުފީ އިތުރު ނުވެ، އެ ޕެކޭޖަކަށް ލިބެންވާ އެލަވެންސް ވެސް އިތުރުކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.

"ފިކްސްޑް ބްރޯޑްބޭންޑްގެ އެލަވަންސް ހުސްވާން ކައިރި ވުމުން އެސްއެމްއެސްއަކުން އަންގައި ދިނުމުގެ އިންތިޒާމު ވަނީ، ކަސްޓަމަރުންނަށް ނުހަނު ލުއި ފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖައްސާފައި. އެގޮތުން އެސްއެމްއެސް ނޮޓިފިކޭޝަން ލިބޭ ގޮތް ހެއްދެވުމަށް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް އަށް ލޮގިން ކުރައްވައިގެން ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެ،" އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ އެ ޕޯޓަލް މެދުވެރިކޮށް ޔޫސޭޖް އެލަވަންސް ފަސޭހަކަމާއެކު މޮނިޓަކޮށް ބެލެހެއްޓޭނެ ކަމަށެވެ. އަދި ހަމަ އެއާއެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ވެސް އިންޓަނެޓް ޔޫސޭޖް ބެލޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކަށް ގެނައި ބަދަލާ ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑްގެ އެޑް އޮން ނުވަތަ ބޫސްޓަތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ހުރިހާ ބޫސްޓަރެއްގެ އެލަވަންސް ވެސް ވަނީ އިތުރުކޮށްފައި އެވެ. އަދި 900ރ. އަށް ލިބޭ 100 ޖީބީގެ ބޫސްޓަ މިހާރު ލިބިގެން 790 ރ.އަށް ލިބެ އެވެ.

އެ ކުންފުނިން އަލަށް ތައާރަފު ކުރި ޕެކޭޖަކީ 30 ޖީބީގެ އެލަވަންސް އަކާއެކު 350 ރުފިޔާއަށް ލިބޭ ފައިބަ 5 އެމްބީޕީއެސްގެ ޕެކޭޖެކެވެ.

ދިރާގުން ބުނީ މުޅި ރާއްޖެއަށް ފައިބަ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 41 ރަށަކަށް ފައިބަގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ވަނީ ފައިބާ ބްރޯޑްބޭންޑްގެ އިތުރުން އޭޑީއެސްއެލް ގެ ހިދުމަތް ރާއްޖޭގެ އާބާދީގެ ބޮޑެތި ހުރިހާ ރަށަކަށް ވަނީ ފޯރުކޮށްދީފަ އެވެ.