ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސޯޝަލް މީޑިއާ ހިލޭ ބޭނުންކުރެވޭ ޕެކޭޖެއް ތައާރަފުކޮށްފި

ޕްރީޕެއިޑް ކަސްޓަމަރުންނަށް ސޯޝަލް މީޑިއާ ހިލޭ ބޭނުންކުރެވޭ ޕެކޭޖެއް ދިރާގުން މިއަދު ތައާރަފުކޮށްފި އެވެ.


ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނިން ބުނިގޮތުގައި ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ގިނަ ޑޭޓާ އާއި ކޯލް އަދި އެސްއެމްއެސް އެޑްއޮންތައް ގަނެވޭނެ ކަމަށެވެ. އަދި އާ ޑޭޓާ އެޑްއޮން ގަނެގެން ޑޭޓާ އެޑްއޮންގެ އެލަވަންސްގެ އިތުރުން ފޭސްބުކް، ވަޓްސްއަޕް އަދި ވައިބާ ހިލޭ ބޭނުންކުރަން ސޯޝަލް މީޑިއާ ޑޭޓާ ވެސް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ހިދުމަތް ތައާރަފުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ ކޮންސިއުމާ މެނޭޖަރު ޖަނާ އިބްރާހިމް ވިދާޅުވީ ކޮންމެ ޑޭޓާ އެޑް އޮންއެއް ގަތުމުން އެ ތިން ސޯޝަލް މީޑިއާ އެޕް ހިލޭ ބޭނުންކުރަން ޑޭޓާ ލިބޭނެ ކަމަށެވެ.

މިއީ ރާއްޖޭގައި ޕްރީޕެއިޑް ޕްލޭން އަކުން މި ފަދަ ހިދުމަތެއް ލިބޭ ހަމައެކަނި ޕްލޭނެވެ.

ޖަނާ ވިދާޅުވި ގޮތުގައި އާ ޕެކޭޖުގެ ދަށުން 700 އެމްބީ އިން ފެށިގެން 25 ޖީބީއާ ހަމައަށް ޑޭޓާ ލިބޭނެ ކަމަށެވެ. އަދި 25 ޖީބީއާއެކު އިތުރު ތިން ޖީބީ ހިލޭ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖާނާ ވިދާޅުވި ގޮތުގައި ދިރާގުން އަލަށް ތައާރަފްކުރި ޕްރީޕެއިޑަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ބަލައިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ. އެގޮތުން ޑޭޓާ ހުސްވާން ކައިރިވުމުން އެސްއެމްއެސް އަކުން އެކަން ކަސްޓަމަރުންނަށް އަންގައިދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެޑްއޮންތައް ގަނެ، ރީލޯޑްކޮށް، ބެލެންސް ޗެކްކޮށް އަދި ދިރާގު ޕްރީީޕެއިޑް ހިދުމަތް މެނޭޖް ކުރެވޭނެ،" ޖަނާ ވިދާޅުވި އެވެ.

ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު އެޑް އޮންތައް ގަނެ، ރިލޯޑް ކޮށް، ބެލެންސް ޗެކްކޮށް އަދި ދިރާގު ޕްރީޕެއިޑް ހިދުމަތް މެނޭޖް ކުރެވޭނެ އެވެ.