ބީއެމްއެލްގެ ކާޑުތަކުގެ ރައްކާތެރިކަމަށް އާ ކެމްޕޭނެއް

ބީއެމްއެލުން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކާ މެދު ކަސްޓަމަރުން ހޭލުންތެރިކޮށް، ހިމާޔަތްކުރަން އާ ކެމްޕޭނެއް އެ ބޭންކުން ފަށައިފި އެވެ.


ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މި ކެމްޕޭން މި ފެށީ ކަސްޓަމަރުންނަށް އޮޅުވާލައިގެން ކާޑުގެ ނަންބަރާއި ޕިން ނަންބަރު ހޯދަން ފޯނުން ގުޅާކަމުގެ ޝަކުވާ ބޮޑު ދުވަސްވަރެއްގަ އެވެ. އެ ކޯލްތައް ކުރާ މީހުން ބުނަނީ އެއީ ބީއެމްއެލްގެ މުވައްޒަފުން ކަމަށެވެ. އަދި އެ މީހާގެ ނަމާއި ކާޑު ނަންބަރު އެހުމަށްފަހު ބުނަނީ އެ ކާޑުގައި މައްސަލައެއް އުޅޭތީ އެކަން ހައްލުކޮށްދޭން ބޭނުންވާ ކަމަށެވެ. އެހެންވެ ކާޑުގެ ވެރިފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އެހުމަށްފަހު، ކާޑުގެ ނުފުށުގައިވާ ތިން އަކުރުގެ ސީވީ ކޯޑު ބުނެދިނުމަށް ވެސް އެދެ އެވެ.

އޮޅުވާލައިގެން ކާޑުގެ މައުލޫމާތު ހޯދަން ގުޅާ ބައެއް މީހުންގެ ކޯލުތައް ރެކޯޑްކޮށް، ޝޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ކާޑުގެ މައުލޫމާތު ހޯދަން ގުޅާ މީހުންގެ މީހުން ބޭނުންކުރަނީ މޮބައިލް ނަންބަރެވެ.

އެކަމަކު ބީއެމްއެލްގެ އާ ކެމްޕޭންގައި އެ ބޭންކުން އާންމުންނަށް ދޭ ޔަގީންކަމަކީ އެއްވެސް ކާޑެއްގެ މައުލޫމާތު ހޯދަން މޮބައިލް ނަންބަރެއް މެދުވެރިކޮށް އެ ބޭންކުން ނުގުޅާނެ ކަމެވެ.

"އޮޅުވާލަައިގެން ކާޑުގެ ސިއްރު ނަންބަރުތައް ހޯދަން ގުޅާ މީހުން މިފަދަ ފަރާތްތަކުން ކަސްޓަމަރުގެ އިތުބާރު ހޯދުމުގެ ގޮތުން މިފަދަ ފަރާތްތަކުން ކާޑުގެ ފުރަތަމަ ހަ އަކުރު ބުނެދީފާނެ. ބީއެމްއެލް އިން ދޫކޮށްފައިވާ ކޮންމެ ޑެބިޓް ކާޑެއްގެ ވެސް ފުރަތަމަ ހަ އަކުރު އެއްގޮތްވާނެ،" އެ ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ވަނީ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު ނަންބަރު ހިއްސާނުކުރަން އެދެ އެވެ. އަދި ކާޑުގެ ނުފުށުގައިވާ ތިން އަކުރުގެ ސީވީ ކޯޑު ނުދިނުމަށް ވެސް ބީއެމްއެލް އިން އެދިފައިވެ އެވެ.

އޮޅުވާލައިގެން ކާޑުގެ މައުލޫމާތު ހޯދަން ގުޅާ ބައެއް މީހުންގެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައިވެ އެވެ.